އުތުރުތިލަފަޅުގައި އިމާރާތްކުރަން ހަމަޖެހިފައިވާ ޖަލާއި ކުޑަކުދިންގެ އިސްލާހީ މަރުކަޒު "ހޯޕް އައިލެންޑް" މަޝްރޫއަށް ރާއްޖެއާއި ބޭރުގެ ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏަކާއި، އެމެރިކާ، މެލޭޝިއާ އަދި ޗައިނާގެ ކުންފުނިތަކުން ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ކުންފުނިތަކަކީ ވަރަށް ގާބިލު ކުންފުނިތަކެކެވެ.
"ވަރަށް ކޭޕަބަލް ކުންފުނިތައް. ފައިނަލް ޕްރޮޕޯސަލްތައް ލިބުމުން އިވެލުއޭޓްކޮށް، ކުންފުންޏެއް ހޮވާނީ،" މިނިސްޓަރު އިހްސާން ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ މައުލޫމާތު ދައްކާ ގޮތުން އުތުރުތިލަފަޅުގައި ގާއިމުކުރާ ޖަލަކީ 6،000 މީހުންގެ ޖާގައިގެ ބޮޑު ޖަލެކެވެ. މި ޖަލުގައި ތައުލީމާއި ތަމްރީނު ދޭނެ ފެސިލިޓީތަކާއި، 1،000 މީހުންގެ ޖާގައިގެ މިސްކިތަކާއި، ޑްރަގް ރިހެބިލިޓޭޝަން އެންޑް ޑިޓޮކްސް ފެސިލިޓީ އަދި ހާފްވޭ ހައުސްއެއްވެސް ހިމެނޭނެ އެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ކުރެވިގެން ގާއިމުކުރާ ހޯޕް އައިލެންޑަކީ 700 މީހުންގެ ޖާގައިގެ އިސްލާހީ މަރުކަޒެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މި މަރުކަޒުގައިވެސް ތައުލީމާއި ތަމްރީނު ދޭނެ ފެސިލިޓީތަކާއި މިސްކިތެއް ހިމެނޭނެ ކަމަށް މިނިސްޓްރީން ހާމަކުރި އެވެ.
މި ދެ މަޝްރޫއަކީ ސަރުކާރުން ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެއް ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.
ކޮމެންޓު ފޮނުވާ