ޕިރަމިޑް ސްކީމެއް ކަމަށް ތުހުމަތުކުރެވޭ ޖެމްކިއު އިންވެސްޓްމަންޓް ސްކީމް (ޖީއެމްސީއައި) އަށް ދިވެހި ރައްޔިތުން ޖަމާކޮށްފައިވާ ފައިސާ އަނބުރާ ލިބޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
ޕޮލިސް ސާވިސްގެ އެންޓި ސްކޭމް ސެންޓަރުގެ އިސްވެރިޔާ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ސްކީމުގައި ބައެއް ދިވެހިން ޖަމާކޮށްފައިވާ ޖުމްލަ އަދަދު އަދިވެސް ސާފުކޮށް އެނގިފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ކުރެވިފައިވާ ތަޙްޤީޤުތަކުން އެނގޭ ގޮތުގައި ދިވެހި ރައްޔިތުން މި ސްކީމަށް މިލިއަން ޑޮލަރުން ފައިސާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ތަޙްޤީޤުން އެނގިފައިވާ ގޮތުގައި ދިވެހި ރައްޔިތުން ފައިސާ ޖަމާކުރި ޑިޖިޓަލް ވޮލެޓްތަކުގެ ތެރެއިން ދެ ވޮލެޓެއްގެ ފައިސާ ޔޫރަޕަށް ބަދަލުކުރެވިފައިވާކަން އެނގިފައިވެއެވެ. މި ފައިސާ ބަދަލުކުރި ފަރާތްތަކަކީ ކޮބައިކަން އަދިވެސް ދެނެގަނެވިފައި ނުވާކަމަށާއި، އެ ފައިސާ ހޯދޭނެކަމުގެ އުންމީދު ވަރަށް ކުޑަކަމަށް ނަވީދު ފާހަގަކުރެއްވިއެވެ.
އިންޓަރޕޯލް މެދުވެރިކޮށް ހޯދި މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ޖެމްކިއު ސްކީމަކީ ހަމައެކަނި ދިވެހިރާއްޖޭގައި ހިންގި ސްކީމެއް ކަމަށާއި، އެހެން ޤައުމުތަކުގައި މި ސްކީމް ހިންގާފައި ނުވާކަން ސާބިތުވެފައިވެއެވެ. މީގެ ސަބަބުން އެހެން ޤައުމުތަކުގެ ރައްޔިތުންނަށް މި ސްކީމުން ގެއްލުމެއް ލިބިފައި ނުވާތީ، އެ ޤައުމުތަކުގެ ސެކިއުރިޓީ ބާރުތަކުގެ އެއްބާރުލުން ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ޕޮލިހުން ބުނެއެވެ.
މި ދަތި ޙާލަތު ކުރިމަތިވެފައިވީ ނަމަވެސް، ދިވެހި ރައްޔިތުންގެ ފައިސާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ޕޮލިހުން ވަނީ ދީފައެވެ.
ލިބިފައިވާ މަޢުލޫމާތުތައް ދައްކާ ގޮތުގައި ޖެމްކިއު ސްކީމުގައި ބައިލައްކައަށްވުރެ ގިނަ ދިވެހި ރައްޔިތުން ބައިވެރިވެފައިވާ އިރު، ޖުމްލަ 100 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ މި ސްކީމަށް ޖަމާކޮށްފައިވާކަމަށް ބެލެވެއެވެ. މި ސްކީމުން ފައިސާ އަނބުރާ ނުލިބޭތީ ގިނަ ރައްޔިތުން މިހާރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އެނގިފައިވާ ގޮތުގައި ބޭންކުތަކުން ލޯނު ނަގައިގެންވެސް ބައެއް ފަރާތްތަކުން ފައިސާ ޖަމާކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ