އެމެރިކާއިން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހަމަލާ ދިނުމާއި ގުޅޭގޮތުން ނިންމުން ނިންމާނީ އެންމެ ފަހު ވަގުތުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ އެމެރިކާގެ ސިޗުއޭޝަން ރޫމްގެ ބައްދަލުވުމުގައި އެއްވެސް ނިންމުމެއް ނިންމާފައިވާކަމެއް ނުވަތަ މަޝްވަރާ ކޮށްފައިވަނީ ކޮން ކަމަކާ މެދު ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
އެހެންނަމަވެސް އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް އެމެރިކާއިން ވަދެގަތުމާއި ގުޅޭގޮތުން ޓްރަމްޕާއި އޭނާގެ ޤައުމީ ސަލާމަތުގެ އެޑްވައިޒަރުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާނެކަމަށް ގަބޫލު ކުރަންޖެހޭކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އަދި މި މަޝްވަރާތަކުގެ އަސާސަކީ އިރާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކާއި ހަފްތާތަކުގައި އެމެރިކާއިން ބައިވެރިވާނީ ކޮންގޮތަކަށްތޯ ކަނޑައެޅުންކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.
އެގޮތުން އެމެރިކާއަށް ގިނަ ޗޮއިސްތަކެއް އެބަހުރިކަމަށް އޭނާއަށް ހުރިހާ ޗޮއިސްތައް ހުށަހަޅާފައިވި ނަމަވެސް އަދި އެއްވެސް ނިންމުމެއް ނިންމާފައެއް ނުވާކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ ނިންމުން ނިންމާނީ އެންމެ ފަހު ސިކުންތުގައި ކަމަށެވެ. އެހެންނަމަވެސް އެ ނިންމުމަކީ ކޮބައިކަން ނުވަތަ ކޮން އިރަކު ނިންމާނެ ނިންމުމެއް ކަމެއްވެސް އަދި ނޭގޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ