ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވުނު މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގެ އިފްތިތާޙީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ތަޤުރީރުކުރެއްވިއެވެ.
މި މުހިންމު ބައްދަލުވުމުގައި ފަސްޓް ލޭޑީ ވާހަކަފުޅުދައްކަވަމުން، 13 އަހަރުގެ ތާރީޚެއްގައި މެރކް ފައުންޑޭޝަނުން އިޖުތިމާޢީ ތަރައްޤީއަށް ކޮށްފައިވާ ޚިދުމަތްތަކަށް އިޙްތިރާމު އަދާކުރެއްވިއެވެ. ޚާއްޞަކޮށް "މޯ ދޭން އަ މަދަރ" ކެމްޕޭންގެ އެމްބެސެޑަރު މަޤާމަށް އެކަމަނާ ހޮވިވަޑައިގެންފައިވާކަން ފާހަގަކުރައްވައި، މި ފުރުޞަތު ދެއްވިކަމަށްޓަކައި ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ.
ދިވެހި ޑޮކްޓަރުން ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ދާއިރާއިން ތަމްރީނުކުރުމަށް މެރކް ފައުންޑޭޝަނުން ސްކޮލަރޝިޕް ފުރުޞަތުތައް ހުޅުވާލާފައިވާކަން އެކަމަނާ ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ. މިއީ ދިވެހިރާއްޖޭގައި ތަޖުރިބާކާރު ޕްރޮފެޝަނަލުން ވަރަށް މަދު، އެކަމަކު ނުހަނު މުހިންމު ދާއިރާއެއްކަމުގައި ވިދާޅުވިއެވެ.
ތަޤުރީރުގައި ފަސްޓް ލޭޑީ އަލިއަޅުއްވާލެއްވީ ދިވެހިރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށެވެ. ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދިގުމުއްދަތުގެ ފަންނީ ގުޅުންތައް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މި ދާއިރާގައި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
ކެންސަރު ސްކްރީނިންގް ޕްރޮގްރާމްތައް ފުޅާކުރުމާއި، ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ރަނގަޅުކުރުމާއި، ޞިއްޙީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާތަކެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން މުޖުތަމަޢުގެ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މެރކް ފައުންޑޭޝަނާ ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވުނު ތަފާތު ޕްރޮގްރާމްތަކުގެ ތަފްޞީލު ބައިވެރިންނާ ޙިއްޞާކުރެއްވިއެވެ. މީގެ ތެރޭގައި ދަރިމައިނުވުމުގެ މައްސަލަތަކަށް ހައްލު ހޯދުމާއި، ޖެންޑަރ ތަފާތުކުރުން ނައްތާލުމާއި، އަންހެނުން ބާރުވެރިކުރުމާއި، ހަކުރުބައްޔާއި ހައިޕަރޓެންޝަން ފަދަ ބަލިތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުންނަށް އިންސާފު ލިބޭނެ މަގުތައް ފަހިކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ މަސައްކަތްތަކުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން ތަފާތު ޕޮލިސީތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަންވެސް ވިދާޅުވިއެވެ.
މި ސަމިޓަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ފަސްޓް ލޭޑީސް އެއްވެ، އަންހެނުންގެ ޞިއްޙަތާއި ބާރުވެރިކުރުމާ ގުޅޭ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރާ މުހިންމު ފޯރަމެކެވެ. ދިވެހިރާއްޖެއިން މި ފަދަ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ތަރައްޤީގެ އެޖެންޑާ ދުނިޔެއަށް ތަޢާރަފުކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ކޮމެންޓު ފޮނުވާ