ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓްސް އިން ނިންމި ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މަރުހަބާ ކިޔައިފިއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ނިންމުމާ ގުޅޭގޮތުން މެމްބަރުންގެ ހިޔާލު ހޯދައިފައިވާއިރު، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ވެސް މި ނިންމުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކޭކަމަށް އެނގިފައިވެއެވެ. އެމްޑީޕީން މި ނިންމުމާ ގުޅޭގޮތުން މިރޭ ބަޔާނެއް ނެރުމަށް ވެސް ތައްޔާރުވަމުން ދެއެވެ.
ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީން އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބުނެފައިވަނީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށާއި، ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި، ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި، ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ. މި މަގުސަދުތައް ހާސިލް ކުރުމަށް ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ، އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އެމްޑީޕީއާ އަލުން ގުޅުމަށް ނިންމުމުގެ ކުރިން ރައީސް ނަޝީދު މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލު ކުރައްވައިފައިވެއެވެ. ފައްޔާޒު ވިދާޅުވެފައިވަނީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރި ކަމަށެވެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން 2023 ޖުލައި 12 ގައި ޑިމޮކްރެޓްސް ޕާޓީ އުފެއްދުނު ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސް ބޭފުޅުންތަކެއް މި އަހަރުގެ ކުރީކޮޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވެއެވެ.
ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ޑިމޮކްރެޓްސް ޕާޓީ އަށް ސޮއިކުރެއްވި ޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލައްވާނެ ކަމަށެވެ. އެމްޑީޕީގެ ލީޑަޝިޕާއި މެމްބަރުން ދެކޭގޮތުގައި 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނީ ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފައްދަވައިގެން އެ ޕާޓީން ވެސް އެ އިންތިހާބަށް ނިކުތުމުންނެވެ. މިހާރު ނަމަވެސް އަލުން އެމްޑީޕީއާ ގުޅުމަށް ޑިމޮކްރެޓްސް އިން ނިންމުމުން، އެމްޑީޕީގެ ގައުމީ މަޖިލީހުން މި ނިންމުމަށް މަރުހަބާ ކިޔައި، ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމުގެ މަގު ހުޅުވިގެން ދިޔައެވެ.
ކޮމެންޓު ފޮނުވާ