ޔުމްނު ގަސްދުގައި ވައްޓާލި ކަމަށް ނުބެލެވޭ: ކޮމިޝަން

ޔުމްނު ގަސްދުގައި ވައްޓާލި ކަމަށް ނުބެލެވޭ: ކޮމިޝަން

Author
ހުސައިން
18 ޖޫން 2025 12:35
0

ހެންވޭރު ގެއެއްގެ ފުރާޅުމަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް މި މައްސަލަ ތަހުގީގު ކުރި ކޮމިޝަނުގެ ރިޕޯޓުން ހާމަވެއްޖެއެވެ. މި ރިޕޯޓް ވަނީ މިރޭ ރައީސް އޮފީހުން އާންމުކޮށްފައެވެ.

އޭޕްރީލް 18 ގައި މާލޭގެ އިމާރާތަކުން ވެއްޓި އަނިޔާވި ޔުމްނުގެ މައްސަލާގައި ކޮމިޝަނުން ކުރި ތަހުގީގުގައި އެކަށީގެންވާ ނަތީޖާއަކަށް ވާސިލްވުމަށް ދަތިވި ސަބަބުތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރޭގައި ޔުމްނު ވެއްޓުނު ފަންގިފިލާގައި ސީސީޓީވީ ކެމެރާ ނެތުމާއި، ޔުމްނުގެ އަމިއްލަ ބަހެއް ލިބެން ނެތުން ހިމެނެއެވެ.

ކޮމިޝަނުގެ ތަހުގީގުން ދައްކާ ގޮތުގައި ޔުމްނުއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލު އެ ރޭ ހިނގި ކަންތައްތައް ހަނދާން ނެތް ކަމަށް ބުނެފައިވެއެވެ. މި ކަންކަމުގެ މައްޗަށް ބިނާކޮށް ސިޑިގޮޅީގެ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫންކަން ޔަގީންކޮށް ކަނޑައެޅެން ނެތް ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް ކޮމިޝަނުން ވަނީ ޔުމްނު ގަސްދުގައި ވައްޓާލި ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ކުޑަކަން ފާހަގަކޮށްފައެވެ. މިގޮތަށް ނިންމުމުގެ ސަބަބުތަކުގެ ތެރޭގައި ރައުދާއި ޔުމްނުއާ ދެމެދު އެ ރޭ އެއްވެސް ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް ހިނގާފައި ނެތުމާއި، ޔުމްނު ނުވަވަނަ ފަންގިފިލާއަށް އެރީ އަމިއްލަ އިހްތިޔާރުގައި ކަން އެނގެން އޮތުން ހިމެނެއެވެ.

މީގެ އިތުރުން ޔުމްނު އެ ގެއަށް ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާދިނުމުގެ މަގުސަދުގައި ރައުދު އޭނާ ގެންދިޔަކަން ސާބިތުކުރެވޭ ހެއްކެއް ނެތްކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް ތަހުގީގުން އެނގިފައިވެއެވެ.

މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ބަސްތަކުން ދައްކާ ގޮތުގައި ޔުމްނުގެ ހަށިގަނޑުން ފުރާޅުމަތީގައި ޖެހުން ފިޔަވައި އެހެން އަނިޔާއެއް ލިބިފައި ނުވެއެވެ. މީހަކު ގަދަކަމުން ވައްޓާލަން މަސައްކަތްކުރުމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަން ވެސް ކޮމިޝަނުން ބަޔާންކޮށްފައިވެއެވެ.

ސިޑިގޮޅިން ޔުމްނު ފުންމާލީ އޭނާގެ އަމިއްލަ އިހްތިޔާރުގައި ކަމަށް ކަނޑައެޅެން ނެތްނަމަވެސް، ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާދޭން އުޅޭކަން އެނގޭ ހެއްކެއް ނުލިބޭކަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ. ތަހުގީގުގެ ނަތީޖާގެ ގޮތުގައި ކޮމިޝަނުން ބުރަވަނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށެވެ. މިގޮތަށް ނިންމީ އެ ރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުންނެވެ.

މިރޭ އާންމުކުރި ރިޕޯޓުގައި ކޮމިޝަނުން ކުރި ތަހުގީގު ވަރަށް ތަފްސީލްކޮށް ހިމަނާފައިވާއިރު، ތަހުގީގަށް ލިބުނު ސީސީޓީވީ ފުޓޭޖްތަކުގެ މަޢުލޫމާތު ވެސް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.