ވަޒީފާގެ މާޙައުލުގައި ހުނަރުވެރި ދިވެހިން އުފެއްދުމަށް މި 5 އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވޭނެ: ނައިބު ރައީސް

ވަޒީފާގެ މާޙައުލުގައި ހުނަރުވެރި ދިވެހިން އުފެއްދުމަށް މި 5 އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވޭނެ: ނައިބު ރައީސް

Author
ހުސައިން
17 ޖޫން 2025 11:56
0

ދިވެހިރާއްޖެ ފުދުންތެރި އިޤްތިޞާދެއް އޮތް ޤައުމަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ވަޒީފާގެ ދާއިރާގައި ހުނަރުވެރި ދިވެހި މުވައްޒަފުން އުފެއްދުމަށް ޚާއްޞަ އަހަމިއްޔަތެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ޤައުމީ ސަރވޭ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، 2040 ވަނަ އަހަރު ނިމޭއިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައިގަނޑު އަމާޒުކަމަށެވެ. މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ތަޢުލީމީ ފެންވަރު މަތި، ހުނަރުވެރި ދިވެހި މަސައްކަތްތެރިން ޤައުމުގައި އިތުރުކުރުމަކީ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީފާ ނެތް އެއްވެސް ދިވެއްސަކު ނުހުންނާނެ ފަދަ މާޙައުލެއް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަތުމާ ގުޅިގެން، މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ދިވެހިންނަށް ޚާއްޞަކޮށްގެން އަދާކުރެވޭނެ ވަޒީފާތައް ކަނޑައެޅުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

ޓުއަރިޒަމް، ޢިމާރާތްކުރުން، ޞިއްޙީ ޚިދުމަތް އަދި ތަޢުލީމީ ދާއިރާ ފަދަ ޤައުމުގެ މުހިންމު ސިނާޢަތްތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އައު ސިނާޢަތްތައް ތަޢާރަފުކުރެވި، އެ ދާއިރާތަކަށް ހުނަރުވެރި ދިވެހި މަސައްކަތްތެރިން ތައްޔާރުކުރުމަށްވެސް މަސައްކަތް ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ، ބަންކަރިންގ ޚިދުމަތް އަދި ސީ-ޓު-އެއާ ކާގޯ ޚިދުމަތް ފަދަ އައު އިޤްތިޞާދީ ދާއިރާތައް ޤާއިމުވެފައިވާކަން ފާހަގަކުރައްވައި، މި ދާއިރާތަކުން ގިނަ ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް މިއަހަރު ހުޅުވުމާއެކު އިތުރު ހާސްތަކެއްގެ ވަޒީފާ އުފެދޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ޙާޞިލުކުރުމަށްޓަކައި ހީވާގި، ހުނަރުވެރި ދިވެހި މަސައްކަތްތެރިން އުފެއްދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ބަލައި، މި މަޤްޞަދު ޙާޞިލުކުރުމަށް އެންމެން އެއްބާރުލައިގެން މަސައްކަތްކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. ފުދުންތެރި، ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، އެއީ ކުރިއަށް އޮތް ޖީލުތަކުގެ ޙައްޤުގައި އަދާކުރަންޖެހޭ ވާޖިބެއްކަމަށް ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.