ދިވެހިރާއްޖެއިން ކުވެއިތަށް ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އަހްމަދު ސަރީރު، ކުވެއިތުގެ ޚާރިޖީ ވަޒީރު އަބްދުﷲ އަލީ އަބްދުﷲ އަލް-ޔަހްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. ސަފީރު އަހްމަދު ސަރީރަކީ ސައޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
އިއްޔެ މެންދުރު ކުވެއިތުގެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ރަސްމިއްޔާތުގައި، ސަފީރު އަހްމަދު ސަރީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކުވެއިތުގެ ވެރިންނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.
ރަސްމިއްޔާތަށްފަހު ކުވެއިތުގެ ޚާރިޖީ ވަޒީރާ ބޭއްވި ބައްދަލުވުމުގައި ސަފީރު ސަރީރު ފާހަގަކުރެއްވީ ދެ ގައުމުގެ ދެމެދުގައި ދިގު ތާރީޚެއްގައި ގާއިމުވެފައިވާ ގާތް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް ކުވެއިތުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ކުވެއިތުގެ ޚާރިޖީ ވަޒީރު އަބްދުﷲ އަލީ އަބްދުﷲ އަލް-ޔަހްޔާ ސަފީރު ސަރީރުއަށް މަރުޙަބާ ކިޔުއްވުމާއެކު، ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރެއްވުމުގައި ކާމިޔާބު ހޯއްދެވުމަށް އެދިވަޑައިގަތެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުވެއިތުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އަރުވައިފިއެވެ.
މި ރަސްމިއްޔާތުގައި ސައޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ އަޙުމަދު ފަޒީލް ބައިވެރިވިއެވެ. ދިވެހިރާއްޖެއާއި ކުވެއިތާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުވީ 1980 ވަނަ އަހަރުއެވެ. އަދި ދެ ގައުމުގެ ދެމެދު އިޤްތިޞާދީ، ތަޢުލީމީ އަދި ޞިއްޙީ ދާއިރާތަކުގައި ގިނަގުނަ އެއްބާރުލުންތަކެއް ހިންގަމުން އަންނަކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ