މޫސުން ގޯސްވެ ކުޅުދުއްފުށީ އެއާޕޯޓަށް ނުޖެއްސި މޯލްޑިވިއަންގެ ފްލައިޓެއް އެނބުރި ހުޅުލެއަށް

މޫސުން ގޯސްވެ ކުޅުދުއްފުށީ އެއާޕޯޓަށް ނުޖެއްސި މޯލްޑިވިއަންގެ ފްލައިޓެއް އެނބުރި ހުޅުލެއަށް

Author
ހުސައިން
15 ޖޫން 2025 02:15
0

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނު ކުޅުދުއްފުށީ އެއާޕޯޓަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް އެ އެއާޕޯޓަށް ނުޖެއްސި އެނބުރި މާލެ އައިސްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހެނދުނު 8:34 ގައި ފުރި މޯލްޑިވިއަންގެ ފްލައިޓު Q2442 ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އެ ސަރަހައްދުގެ މޫސުން ގޯސްކަމުން އެއާޕޯޓަށް ޖެއްސުމަށް ދަތިވި އެވެ. އޭޓީއާރު 72-600 ބާވަތުގެ މި ބޯޓު ކުޅުދުއްފުށީ އެއާޕޯޓު މަތީގައި ގިނައިރު އުދުނި، ދެ ގަޑިއިރެއްހާ އިރު ވައިގެމަތީގައި ހޭދަކޮށް، ހެނދުނު 11 ޖަހާކަށް ހާއިރު އެނބުރި ވެލާނާ އެއާޕޯޓަށް ވަނީ އައިސްފައެވެ.

އާދައިގެ ހާލަތުގައި މާލެއިން ކުޅުދުއްފުށަށް ވައިގެމަގުން ދަތުރުކުރަން ނަގާނީ 40 އިން 45 މިނެޓާ ދެމެދުގެ ވަގުތުކޮޅެކެވެ. ނަމަވެސް މިއަދު މި ފްލައިޓަށް މި ދަތުރު ފުރިހަމަ ނުކުރެވުނީ އެ ސަރަހައްދުގެ މޫސުން ގޯސްވެފައިވުމުން ނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ހައްދުންމަތީ އަތޮޅުން ފެށިގެން ފާދިއްޕޮޅު އަތޮޅާ ހަމައަށް ހުދު އިންޒާރު ނެރެފައެޗެ. މިއިންޒާރު މިއަދު ހަވީރު 4:00 އާ ހަމައަށް ދެމިއޮންނައިރު، މި އިންޒާރުގައި ފާހަގަކޮށްފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި ވައި ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ދީފައިވާ މަޢުލޫމާތުގައި ވާގޮތުން މި ސަރަހައްދުތަކަށް ވައިޖެހޭނީ ގަޑިއަކު 19 އިން 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައި ވެ އެވެ. މި ހާލަތާ ގުޅިގެން އުތުރުގެ އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.