މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި ދިވެހި ރައްޔިތުންނަށް ސްކޭމް މެސެޖްތައް ފޮނުވަމުންދާތީ، އެކަމާ ދޭތެރޭ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އާންމުންނަށް ނަސޭހަތްތެރިވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، ފައިސާ ނަހަމަ ގޮތުގައި ހޯދުމުގެ ނިޔަތުގައި އެ ކޯޕަރޭޝަންގެ ނަން ބޭނުންކޮށްގެން ރައްޔިތުންގެ ފޯނުތަކަށް މެސެޖްތައް ފޮނުވަމުންދާ ކަމަށެވެ. މި މެސެޖްތަކުގައި ލިންކްތައް ހިމަނައިގެން ފައިސާ ދެއްކުމަށް އެދެމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހައްޖު ކޯޕަރޭޝަނުން ސާފުކޮށްދީފައިވާ ގޮތުގައި، އެ ކޯޕަރޭޝަންގެ ފަރާތުން އެއްވެސް ވަގުތެއްގައި ލިންކް ހިމެނޭ މެސެޖްތައް ފޮނުވައިގެން ފައިސާ ދެއްކުމަށް ނާންގާނެއެވެ. އަދި ފޯނުން ގުޅައިގެން ނުވަތަ މެސެޖް މެދުވެރިކޮށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް ނޭދޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާ ބަލައިގަންނާނީ ހަމައެކަނި އެ ކޯޕަރޭޝަންގެ ނަމުގައި ޤާއިމުކޮށްފައިވާ ރަސްމީ ބޭންކް އެކައުންޓްތަކަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަނުން އާންމުންނަށް ލަފާދީފައިވަނީ، މިފަދަ ނަހަމަ މެސެޖްތަކާއި ލިންކްތަކަށް ވަރަށް ބޮޑަށް ސަމާލުވެ، އެއްގޮތަކަށްވެސް އެފަދަ ލިންކްތަކަށް ނުފިތުމަށެވެ. އަދި މިކަހަލަ މެސެޖެއް ނުވަތަ ފޯނު ކޯލެއް ލިބިއްޖެނަމަ، ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި އެކި ބާވަތުގެ އޮންލައިން ސްކޭމްތައް ހިންގުން ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ވަނީ އާންމުން ހޭލުންތެރިކުރުމަށް ޓަކައި ގިނަގުނަ ޕްރޮގްރާމްތަކާއި ކެމްޕެއިންތައް ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ