ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އަލްމަރުޙޫމް ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ދިވެހިރާއްޖޭގައި މިސްކިތެއް އެޅުމަށް ސަރުކާރުން ބިން ހަމަޖައްސައިދޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝައިޚް ފަރީދު ނިޔާވުމާއި ގުޅިގެން އޭނާ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ޚިދުމަތް ޖަމްޢިއްޔާއިން ވަނީ އޭނާގެ ނަމުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ. އެ މިސްކިތަށް ބޭނުންވާ ފައިސާ ވަނީ އެއްކުރެވިފައިވާ އިރު، އޭގެ ފަހުން ވެސް ގިނަ ބަޔަކު ފައިސާގެ އެހީ ދެމުން ގެންދާތީ، ރާއްޖޭގައި ވެސް ހަނދާނީ މިސްކިތެއް އެޅުމަށް ޖަމްޢިއްޔާއިން ނިންމާފައިވާ ކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ބުނެއެވެ.
މި ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ޝައިޚް ފަރީދުގެ ހަނދާނުގައި ބޭރު ޤައުމެއްގައި މިސްކިތެއް ހުރުމަށްވުރެ ދިވެހިރާއްޖޭގައި އެފަދަ މިސްކިތެއް ހުރުން މުހިންމު ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މިސްކިތް ބިނާކުރާނީ އިސްލާމީ ޢިލްމުގެ ލައިބްރަރީއަކާއި، ޤުރުއާން ކިޔަވައިދޭ ކްލާސްރޫމްތަކާ އެކު، ޝައިޚް ފަރީދު ކުރެއްވި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަރުކަޒެއްގެ ގޮތުގައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ބިން ހަމަޖެއްސުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތުން، ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވަޒީރު ޔަޤީންކަން ދެއްވިއެވެ.
ދިވެހިރާއްޖޭގައި ދީނީ ދަޢުވަތު ދިނުމާއި އިސްލާމީ ޢިލްމު ފެތުރުމުގައި އުމުރުފުޅުގެ ބޮޑުބައެއް ހޭދަކުރެއްވި ޝައިޚް ފަރީދު މިއަދު މެންދުރު ނަމާދަށް ފަހު މެލޭޝިއާގައި ވަނީ ޖަނާޒާކޮށް ވަޅުލައްވާފައެވެ. އަންނަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު ރާއްޖޭގެ އެންމެހައި މިސްކިތްތަކުގައި އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ