ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ޝަހީމް

ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ޝަހީމް

Author
ހުސައިން
11 ޖޫން 2025 10:45
0

އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ދިވެހިރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން ނިންމާފައިވާ ނިންމުމަށް އިސްލާމިކް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ އެއާޕޯޓުގައި ހޯމަ ދުވަހު އަވަހާރަވި ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން އިއްޔެ ފަށާފައިވާ މަސައްކަތް ވަރަށް ކާމިޔާބު ވެފައިވެއެވެ. އެގޮތުން 455 މީހުންގެ ޖާގައިގެ މިސްކިތެއް ބަންގްލަދޭޝްގައި ބިނާކުރުމަށް ބޭނުންވާ 760،000 ރުފިޔާ މާގިނަ ނޫން ވަގުތުކޮޅެއްގެ ތެރޭގައި ހަމަވެފައިވާކަން ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.

ޝައިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތާއީދާ ގުޅިގެން، ހިދުމަތް ޖަމިއްޔާއިން މިހާރު ނިންމާފައިވަނީ ދިވެހިރާއްޖޭގައިވެސް ޝައިޚްގެ ނަމުގައި މިސްކިތެއް ބިނާކުރުމަށެވެ. މިކަމަށް ގިނަ ބަޔަކު އެދި، އިތުރު ފަންޑް ލިބެމުންދާކަން ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މިނިސްޓަރ ޝަހީމް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް ފަރީދުގެ ހަނދާނެއް ރާއްޖެއިން ބޭރުގައި ހުރުމަށްވުރެ ދިވެހިރާއްޖޭގައި ހުރުމަކީ މާ އައުލާކަން ބޮޑު ކަމެއް ކަމަށެވެ. މީގެ އިތުރުން، މި މިސްކިތުގައި އިސްލާމީ އިލްމުގެ ލައިބްރެރީއަކާއި، ޤުރުއާން ކިޔަވައިދޭ ކްލާސްރޫމްތައް ހިމެނުމަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން ޝައިޚް ކުރެއްވި އިލްމީ މަސައްކަތް ކުރިއަށް ގެންދެވޭނެ ވަގްފެއްގެ ގޮތުގައި މި މިސްކިތް ޤާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިސްކިތް ބިނާކުރާނެ ތަނެއް ހަމަޖެއްސުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭގޮތުން މި މަޝްރޫޢުގައި ހިދުމަތް ޖަމިއްޔާއަށް ބޭނުންވާ އެންމެހައި އެހީތެރިކަން އިސްލާމިކް މިނިސްޓްރީން ފޯރުކޮށްދެއްވާނެކަމަށް މިނިސްޓަރު ޝަހީމް ޔަޤީންކަން ދެއްވިއެވެ.

ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ބިނާކުރާ މިސްކިތަށް އެހީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ޚިދުމަތް މިސްކިތު ފަންޑު – 7770000141496″ އަށް ފައިސާ ޖަމާކުރެއްވުމަށް އެ ޖަމިއްޔާއިން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.