ރާއްޖޭގެ މެރިކަލްޗާ ސިނާއަތަށް ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތު ހުޅުވާލަނީ

ރާއްޖޭގެ މެރިކަލްޗާ ސިނާއަތަށް ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތު ހުޅުވާލަނީ

Author
ހުސައިން
08 ޖޫން 2025 01:00
0

ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ކުރިއެރުވުމަށް ބޭރުގެ އިންވެސްޓަރުންނަށް ޚާއްޞަ ފުރުޞަތުތަކެއް އަންނަ މަހުގެ ފަހުކޮޅު ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވި ގޮތުގައި، މެރިކަލްޗާއަކީ މި ސަރުކާރުން އިސްކަންދޭ ސިނާއަތެއް ކަމަށާއި، އަންނަމަހު ފަހުކޮޅު ހުޅުވާލާ މި ފުރުޞަތު ތިން މަސްދުވަހުގެ މުއްދަތެއް ބޭރުގެ އިންވެސްޓަރުންނަށް ޚާއްޞަކުރާނެ ކަމަށެވެ. މި މުއްދަތުގައި ރާއްޖެއަށް ފެންވަރު ރަނގަޅު އިންވެސްޓްމަންޓްތައް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ދެމުންދާ ލުއިތަކަކީ ވަރަށް ފައިދާހުރި ލުއިތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ލުއިތަކުގެ ތެރޭގައި އެކުއިޒިޝަން ކޮސްޓް ނުނެގުމާއި، ފުރަތަމަ ތިން އަހަރު ދުވަހަށް ބިމުގެ ކުލި މަޢާފުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން، މެރިކަލްޗާ ކުރުމަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައަޅައި، އެ ޒޯންތަކުގެ ގައިޑްލައިންތަކާއި ގަވާއިދުތައް ގެޒެޓުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މެރިކަލްޗާއަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ހއ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅު ހިމެނެއެވެ. މި ފަސް އަތޮޅުގައި މެރިކަލްޗާ ޒޯންތައް ޤާއިމުކޮށް، އިންވެސްޓަރުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ތައްޔާރުވަމުންދެއެވެ.

ރާއްޖޭގައި މިހާރު މެރިކަލްޗާ ސިނާޢަތް އޮތީ ވަރަށް ކުޑަ މިންވަރެއްގައި ކަމަށް ވަޒީރު އިޢުތިރާފުވެއެވެ. ނަމަވެސް ސަރުކާރުގެ ދިގު މުއްދަތުގެ ލަނޑުދަނޑިއަކީ މި ސިނާޢަތް ފުޅާކޮށް، ރާއްޖެއަށް އިމްޕޯޓްކުރާ ސީފުޑްގެ މިންވަރު މަދުކުރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މެރިކަލްޗާ ދާއިރާގައި މަސައްކަތްކުރާނެ މީހުން ތައްޔާރުކުރުމަށް މިހާތަނަށް ބޭސިކް މެރިކަލްޗާގެ ދެ ކޯސް ހިންގައި، 18 އަތޮޅުން 26 މީހަކު ތަމްރީނުކޮށްފައިވެއެވެ. އަދި ހަތަރު ސްކޫލެއްގެ 142 ދަރިވަރުންނަށް މެރިކަލްޗާއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައްވެސް ބާއްވައިފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި އިންވެސްޓްމަންޓް ފުރުޞަތަކީ ރާއްޖޭގެ މެރިކަލްޗާ ސިނާޢަތް ބައިނަލްއަޤްވާމީ ފެންވަރަށް ކުރިއެރުވުމަށް ނަގާ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ޝިޔާމް ފާހަގަކުރައްވައި، ބޭރުގެ އިންވެސްޓަރުންގެ ޓެކްނޮލޮޖީއާއި ތަޖުރިބާ ރާއްޖެއަށް ގެނައުމުން މި ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.