ލ. ގަން ލިންކު ރޯޑުގައި މިރޭ ހިނގި ޓްރެފިކް އެކްސިޑެންޓެއްގައި ސައިކަލެއްގައި ދަތުރުކުރި ދެ މީހެއްގެ ފައި ބިނދި ބޯ ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ހިއްސާ ކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން، މި ހާދިސާ ހިނގާފައިވަނީ މިރޭ 19:03 ގައި ލ. ގަން ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދަތުރުކުރަމުން ދިޔަ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލު ދުއްވި 44 އަހަރުގެ ދިވެހި ފިރިހެނަކު އަދި އޭނާގެ ފަހަތުގައި އިން 44 އަހަރުގެ އަނެއް ފިރިހެން މީހާއަށްވެސް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
ސައިކަލު ދުއްވި މީހާގެ ކަނައަތު ފައި ދެ ތަނަކުން ބިނދުނުއިރު، ބޯ ފަޅައިގެން ގޮސްފައިވާކަމަށާއި އިތުރު އަނިޔާތަކެއް ވެސް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ. ސައިކަލުގެ ފަހަތުގައި އިން މީހާގެ ވެސް ކަނައަތު ފައި ދެ ތަނަކުން ބިނދި، ބޯ ފަޅައިގެން ގޮސް އެހެނިހެން އަނިޔާތަކެއް ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވީ 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ހާމަކުރިއެވެ. ނަމަވެސް މި ހާދިސާގައި ދެ އުޅަނދަށް ވެސް ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުކުރެވެއެވެ. ކާރުގެ ކުރީކޮޅަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު، ސައިކަލަށް ވެސް ގެއްލުން ވެފައިވާކަމާއި، ސައިކަލުގެ މަޑި ނެއްޓި މާދުރުގައި އޮތްކަން ހާދިސާ ދުށް ބައެއް. މީހުން މައުލޫމާތު ދީފައި ވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، ހާދިސާ ހިނގި ގޮތާމެދު އިތުރު މަޢުލޫމާތު ހޯދަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.