ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޒަމާނީ ނާސަރީއެއް ގާއިމުކުރުމަށް ބޭނުންވާ ތަކެތި ގެނެސްފި

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޒަމާނީ ނާސަރީއެއް ގާއިމުކުރުމަށް ބޭނުންވާ ތަކެތި ގެނެސްފި

Author
ހުސައިން
05 ޖޫން 2025 08:20
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ގާއިމުކުރާ ޒަމާނީ ނާސަރީއަށް ބޭނުންވާ އެންމެހައި ތަކެތި ލިބިފައިވާކަމަށް ފަތުރުވެރިކަމާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް ހާމަކުރައްވައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ތާރިގު ވިދާޅުވީ، 55,000 އަކަފޫޓުގެ ބޮޑުމިނުގައި ތަރައްގީކުރެވޭ މި ނާސަރީއަށް ބޭނުންވާ ސާމާނުތައް މިވަގުތު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މި ނާސަރީގައި ލެބޯރެޓަރީއަކާއި، ތަމްރީނު ދޭ ކޮޓަރިތަކާއި، އޮފީސް ބައެއް އަދި ގްރީން ހައުސްއެއް ހިމެނޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ނާސަރީ ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ތިމާވެއްޓާ ބެހޭ ވުޒާރާ ދެމެދު މިދިޔަ މޭ މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ބޭރު ގައުމުތަކުން ގަސްތައް ގެނެސް ރާއްޖޭގައި ގަސް ހެއްދުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެ، މިނިސްޓަރު ތާރިގު އިބްރާހީމް ފާހަގަކުރެއްވީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މިކަން ކުރިއަށް ގެންދެވޭނެކަމަށެވެ.

މި ޕްރޮގްރާމަށް ބޭނުންވާ ނާސަރީ ތަރައްގީކުރުމާ ގުޅޭގޮތުން މިދިޔަ އޭޕްރީލް މަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ހާއްސަ ޓީމެއް ޗައިނާއަށް ޒިޔާރަތްކޮށް، އެގައުމުގެ ނާސަރީތައް ހިންގާ ގޮތުގެ ތަޖުރިބާ ހޯދާފައިވެއެވެ. ދިވެހި ވަފުދު ޒިޔާރަތްކުރި ފުޖިއަން އަދި ޖަންގްޖޯ ސިޓީތަކުގެ ނާސަރީތަކުން ގަސް ހައްދާ ގޮތާއި ބަލަހައްޓާ ގޮތުގެ މުހިންމު މައުލޫމާތު ހޯދައި، ރާއްޖޭގައި އިންދާނެ ގަސްތަކުގެ ބާވަތްތަކާ ގުޅޭގޮތުން ޗައިނާގެ ފަންނީ މާހިރުންނާ މަޝްވަރާކުރިކަން ފާހަގަކުރެވެއެވެ.

ސަރުކާރުގެ މި އިނިޝިއެޓިވްގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި، ކާބަން ފުޓްޕްރިންޓް ކުޑަކުރުމުގެ އިތުރުން، ރާއްޖޭގެ ރަށްތަކުގެ ރީތިކަން އިތުރުކުރުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.