މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ 45 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ 45 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ

Author
ހުސައިން
05 ޖޫން 2025 08:45
0

މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުންދިޔަ ނ. މާފަރު، ހިތްފަސޭހަގެ، މޫސާ ޙަސަން (45އ) މިއަދު މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދަނިކޮށް ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފައިވާގޮތުގައި، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އައި މޫސާ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު ސިއްޙީ ހާލަތު ގޯސްވުމުން އެމަޖަންސީ ހާލަތުގައި މާލެ ގެނެސް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ މޫސާ ޙަސަން ނިޔާވީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުގެ މެންދަމު ހޮސްޕިޓަލުގައި ފަރުވާ ލިބެމުންދަނިކޮށް ހިތް ހުއްޓިގެންކަމަށެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ފުރިހަމަ ތަޙުޤީޤެއް ފެށުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާފައެވެ. އަދި މަރުޙޫމްގެ ޢާއިލާގެ އިތުރުން، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ވަނީ މި ހާދިސާގެ މަޢުލޫމާތު ދީފައެވެ.

ޖަލުތަކުގައި ތިބޭ ގައިދީންގެ ސިއްޙީ ހާލަތު ބެލެހެއްޓުމާއި ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ކަރެކްޝަނަލް ސަރވިސްގެ ޒިންމާއެއް ކަމުގައިވިޔަސް، ދިގު މުއްދަތުގެ ޖަލު ހުކުމްތައް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ބައެއް މީހުންގެ ސިއްޙީ ހާލަތު ގޯސްވެ، ނިޔާވާ ހާދިސާތައް މި ފަދައިން ދިމާވަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.