ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފައިވަނިކޮށް، ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓު އަލުން ހިފަހައްޓާފައިވާ ކަމަށް އޭނާ ބުނެފިއެވެ.
'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމްތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 21 ގައި އޭނާގެ ޕާސްޕޯޓު އަލުން ހިފަހައްޓާފައިވާ ކަމަށް އަކްރަމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ހައިކޯޓުން ނިންމާފައިވަނީ އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް ކަނޑައަޅައި، އެ އަމުރު ބާޠިލުކޮށްފައެވެ.
ހައިކޯޓުގެ ނިންމުން ނެރުނު ފަހުން، އެ ނިންމުމަށް ދައުލަތުން އިސްތިއުނާފު ނުކޮށް، ނިންމުން ނިހާއީ ސިފަ ލިބިފައިވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދިގެން ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތަށް އަލުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް އަކްރަމް ވިދާޅުވެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އަކްރަމް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފަށް ސިޓީއެއް ފޮނުވާ، ހައިކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމާފައިވަނިކޮށް، އޭސީސީން އަލުން ޕާސްޕޯޓު ހިފެހެއްޓުމަށް އެދުމަކީ ޕީޖީގެ ބާރުތަކަށް ކުޑައިމީސްކުރުން ކަމަށާއި، އަލުން ނެރުނު އަމުރު ބާޠިލުކޮށްދިނުމަށް ކޯޓަށް ހުށަހެޅުމަށް އެދިފައިވެ އެވެ.
ނަމަވެސް ޕީޖީ އޮފީހުން އަކްރަމްއަށް ފޮނުވި ޖަވާބު ސިޓީގައި ބުނެފައިވަނީ، ފުރުން މަނާކުރުމަށް ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ހުށަހަޅާފައި ނުވާ ކަމަށާއި، ކްރިމިނަލް ކޯޓުގެ އަމުރު ޤާނޫނާ ޚިލާފުނަމަ މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމާއި އިސްތިއުނާފު ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
ޕީޖީ އޮފީހުގެ ޖަވާބާ ގުޅިގެން އަކްރަމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އައްބާސް ޝަރީފަކީ "އެއްވެސް ކަހަލަ އިންސާފުވެރިކަމެއް ނެތް، އެއްވެސް މިނިވަންކަމެއް ނެތް ބޭފުޅެއް" ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ "ޓައިޕްރައިޓަރެއް، ޕަޕެޓެއް" ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނި ގޮތުގައި، 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމްތަކާ ގުޅޭ މައްސަލައިގައި އަކްރަމް ހިމެނޭ ހަތަރު މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ