ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ހަތަރު އިސްވެރިންގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ދަޢުވާ ކުރުމަށް ހުށަހަޅާފައިވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (މއ. އެވަލާސްޓް)، ސީނިއަރ އެގްޒެކެޓިވް މުހައްމަދު އާރިފް (ހއ. އިހަވަންދޫ، ނެދުންގެ)، ސީނިއަރ އެގްޒެކެޓިވް ޟިރުޢާމް ވަހީދު (މއ. ވިރާޙް) އަދި ޑިރެކްޓަރ ޖެނެރަލް އަހްމަދު ވިޝާން ނަސީމް (މއ. އިހާދޫ) ގެ މައްޗަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ 4،000 ފުލެޓް ދޫކުރުމުގައި ހައްގު ނުވާ ފަރާތްތަކަށް ފުލެޓް ދޫކޮށް، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަން ފުލުހުންނާ ގުޅިގެން ކުރި ތަހުގީގުން ސާބިތުވާ ކަމަށެވެ. މި ހަތަރު ބޭފުޅުންނަކީ މި ކޮރަޕްޝަންގައި ސީދާ ބައިވެރިވި ފަރާތްތައް ކަމަށް ތަހުގީގުން ދައްކާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ހާމަކުރި ގޮތުގައި، މި ބޭފުޅުންގެ މައްޗަށް ކުރަން އެދެނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. މީގެ އިތުރުން، މި މައްސަލައިގައި ބައިވެރިވި ފަރާތްތަކުން އިތުރު ކުށްތައް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެ ކުށްތައް ބެލުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމަކީ ރައީސް ސޯލިހްގެ ސަރުކާރުން ހިންގި އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓެވެ. ނަމަވެސް މި ސްކީމުގައި ގިނަ ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް މިހާރުގެ ސަރުކާރުން ތުހުމަތު ކުރައްވައި، މި މައްސަލަ ތަހުގީގު ކުރުމަށް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ