ޢައްޒާގައި އެހީދޭ މަރުތައް ކައިރީގައި ފަލަސްތީނު ރައްޔިތުން ޝަހީދު ކުރަމުންދާ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ޔޫއެންއިން ގޮވާލައްވައިފި

ޢައްޒާގައި އެހީދޭ މަރުތައް ކައިރީގައި ފަލަސްތީނު ރައްޔިތުން ޝަހީދު ކުރަމުންދާ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ޔޫއެންއިން ގޮވާލައްވައިފި

Author
ހުސައިން
03 ޖޫން 2025 08:03
0

ޣައްޒާގެ ރަފަހްގައި ހުންނަ އެހީގެ މަރުކަޒެއް ކައިރީގައި ހިންގުނު ހަމަލާއެއްގައި 31 ފަލަސްތީނު ރައްޔިތުން ޝަހީދުވެ 176 މީހުން ޒަޚަމްވެފައިވާތީ، މި ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ގޮވާލައްވައިފި އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ މަޢުލޫމާތު ތަކުން ދައްކާ ގޮތުގައި، އެމެރިކާގެ އެހީގައި ހިންގާ އެހީގެ މަރުކަޒެއް ކައިރީ ސަރަހައްދަށް އިޒްރޭލުން ދިން ބަޑީގެ ހަމަލާގައި ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ޝަހީދުވެ ޒަޚަމްވެފައިވެ އެވެ. މި ހާދިސާގެ ސަބަބުން ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކަށް ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުތަކުން މަޢުލޫމާތު ދީފައިވެ އެވެ.

ނަމަވެސް އިޒްރޭލުގެ ސިފައިންވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެހީގެ މަރުކަޒާ އެއް ކިލޯމީޓަރު ދުރުގައި ސިފައިންނާ ދިމާލަށް ދިޔަ ބަޔަކަށް އިންޒާރުގެ ގޮތުން ބަޑި ޖެހި ކަމަށާއި، އެހީ ހޯދަން ޖަމާވެފައި ތިބި މީހުންނަށް ސީދާ ހަމަލާ ދިން ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް އިޒްރޭލުގެ ސިފައިން ބުނެފައި އެވެ.

ގުޓަރޭޒް ވިދާޅުވި ގޮތުގައި "ޣައްޒާގައި އެހީ ހޯދަން އުޅެނިކޮށް ފަލަސްތީނު ރައްޔިތުން ޝަހީދުވެ ޒަޚަމްވި ކަމުގެ ޚަބަރު ލިބުމުން ވަރަށް ބޮޑަށް ކަންބޮޑުވަން. ކާބޯތަކެތި ހޯދުމަށްޓަކައި ފަލަސްތީނުގެ އާންމުން ފުރާނައަށް ނުރައްކާ ހުރި ހާލަތްތަކަށް ހުށަހެޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން." އަދި މި ހާދިސާގެ ޒިންމާ ވަކި ފަރާތަކަށް ނާޅުވައި، މިކަމުގެ މިނިވަން ތަހުގީގެއް ވީހާ ހިންގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އދ. އިން ވަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން ޣައްޒާގައި އެހީ ފޯރުކޮށްދޭ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ މަސައްކަތް އިންތިޒާމްވެފައި ވަނީ މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ކަމަށް ފާހަގަކޮށްފަ އެވެ. އދ. ގެ އެހީގެ މަސައްކަތް އިޒްރޭލުން ޣައްޒާގައި ހުއްޓުވުމަށް ފަހު އަލުން ފެށިގެން އުޅޭ ޖީއެޗްއެފް އާ އެކު މަސައްކަތެއް ނުކުރާނެ ކަމަށް އދ. އިން ސާފުކޮށް ދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.