ބީއެމްއެލްގެ ބޯޑު ޗެއަރޕާސަން މަގާމަށް އަހްމަދު އަލީ ހަބީބް އައްޔަންކޮށްފި

ބީއެމްއެލްގެ ބޯޑު ޗެއަރޕާސަން މަގާމަށް އަހްމަދު އަލީ ހަބީބް އައްޔަންކޮށްފި

Author
ހުސައިން
30 މެއި 2025 10:37
0

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް ސ. ހިތަދޫ، ނޫވިލާގެ އަހްމަދު އަލީ ހަބީބް އައްޔަންކޮށްފައިވެއެވެ. އަހްމަދު އަލީ ހަބީބް މިމަމަގާމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން ވެސް އައްޔަންކޮށްފައިވެއެވެ. ސަރުކާރުގެ ފަރާތުން އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ތިން މެންބަރުން ހޮވާލާފައިވެއެވެ.

ސަރުކާރުން އައްޔަންކުރި މެންބަރުންނަކީ މުހައްމަދު ޝަރީފް، ސަހަރު ވަހީދު، އަލީ ފާރިސް މުހައްމަދު، އާދިލް މޫސާ، މުހައްމަދު ޝާހިދު، ޑރ. މަރްޔަމް ސުޒީ އާދަމް އަދި މުހައްމަދު މާއިޒު މުނާޒެވެ. އާންމު ހިއްސާދާރުން އިންތިޚާބުކުރި ތިން މެންބަރުންނަކީ އަބްދުﷲ ނަސީމް، ނަޖީމް އިބްރާހީމް ޒަކަރިއްޔާ އަދި މޫސާ ރަޝީދެވެ.

ބޯޑުގެ މެންބަރުން އައްޔަނުކުރި ޖަލްސާގައި ބީއެމްއެލްއިން ހިއްސާއަކަށް 55 ރުފިޔާ ބަހަން ފާސްކޮށްފައިވެއެވެ. މިއީ 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް ބަހާ ފައިދާއެވެ. ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އެންމެ ބޮޑު އަދަދު މިއީކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން ފާއިތުވި އަހަރަކީ ބޭންކުގެ ތާރީޚުގައި އެންމެ ފުރިހަމަ މާލީ ނަތީޖާ ހާސިލުކުރި އަހަރެވެ. ބޭންކުން ފާއިތުވި އަހަރު 2.8 ބިލިޔަން ރުފިޔާގެ އާމްދަނީ ހޯދާފައިވާއިރު، ޓެކުހުގެ ގޮތުގައި 643 މިލިޔަން ރުފިޔާ ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.25 ބިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު އަށް އިންސައްތައިގެ ކުރިއެރުމެއް ކަމަށް ބޭންކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.