ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަހަރަކު 540 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާގެ މުއާމަލާތްތައް ޑިޖިޓަލް ގޮތުން ޕްރޮސެސްކުރާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވުނު ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ފާހަގަކުރެއްވީ، ބޭންކުން ކުރާ މުއާމަލާތްތަކުގެ 99 ޕަސެންޓަކީ ޑިޖިޓަލް މުއާމަލާތްތައް ކަމަށެވެ. އެގޮތުން ބީއެމްއެލްއިން އަހަރަކު 220 މިލިއަނަށް ވުރެ ގިނަ ޑިޖިޓަލް މުއާމަލާތްތައް ޕްރޮސެސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއާ ޚިލާފަށް ބީއެމްއެލްގެ ހުރިހާ ބްރާންޗްތަކުގެ ކައުންޓަރުތަކުން އަހަރަކު ކުރެވެނީ ހަމައެކަނި 6 ލައްކަ މުއާމަލާތް ކަމަށް ޝަރީފް ހާމަކުރެއްވިއެވެ. "އެހެންކަމުން މިހާރު ބޭންކުގެ 99 ޕަސެންޓަށް ވުރެ ގިނަ މުއާމަލާތްތައް ކުރެވެނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް،" ޝަރީފް ވިދާޅުވިއެވެ.
ކަސްޓަމަރުންގެ މެދުގައި ބީއެމްއެލްގެ ޑިޖިޓަލް ހިދުމަތްތަކުގެ މަގުބޫލުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ކަސްޓަމަރުން ދުވާލަކު އެއް މިލިއަން ފަހަރު ބީއެމްއެލް އިންޓަނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރާ ކަމަށެވެ. މީގެ އިތުރުން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 50،000 މުއާމަލާތް ކުރެވޭ އިރު، ކާޑުތަކުން ދުވާލަކު 238،000 މުއާމަލާތް ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްގެ ކާމިޔާބީގެ މައިގަނޑު ބިންގަލަކީ، އެ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ބަދަލުތަކުގެ ސަބަބުން ބޭންކުގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބޭ ގޮތް ވަނީ ކުރިއަރާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ