ފައިރޫޝްގެ އެހީހޯދައިގެން ވެރިކަމަކަށް އައުމަކީ ލަދުވެތި ކަމަކަށްނުވި: އުޝާމް

ފައިރޫޝްގެ އެހީހޯދައިގެން ވެރިކަމަކަށް އައުމަކީ ލަދުވެތި ކަމަކަށްނުވި: އުޝާމް

Author
ޢަލީ އާދަމް
03 ޖެނުއަރީ 2021 06:58
0

2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އަންނަންވީމަ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިތިބި ފައިރޫޝްފަދަ ބޭފުޅުންގެ އެހީތެރިކަން ހޯދުން ލަދުވެތިކަމަކަށް ނުވި ކަމަށް ވިދާޅުވެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝްގެ ހިދުމަތަށް ފުލުހުންގެ މުއައްސަސާއިން އަގު ވަޒަންކޮށް ޝުކުރު އަދާކުރުމުން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދަށް އެމްޑީޕީގެ ބޭފުޅުން ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ. އުޝާމް ވިދާޅުވީ ވެރިކަން ލިބުމުން ފައިރޫޝްއަށް އަލުން ވަޒީފާދިނީވެސް މިސަރުކާރުން ކަމަށެވެ. އަދި މިއަދު ހުރިހާ ބާރުތަކެއް ލިބުމުން އަނެއްކާވެސް ފައިރޫޝް ގޯސްވެފައި ވާކަމަށް އުޝާމް ވިދާޅުވިއެވެ.

2018ގަ ވެރިކަން ހޯދަން އުޅުނުއިރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިތިބި ފައިރޫޝްފަދަ ބޭފުޅުންގެ އެހީތެރިކަން ހޯދުން ލަދުވެތިކަމަކަށް ނުވި. ވެރިކަން ލިބުމުން ފައިރޫޝްއަށް އަލުން ވަޒީފާދިނީވެސް މިސަރުކާރުން. މިއަދު ހުރިހާ ބާރުތަކެއް ލިބުމުން އަނެއްކާވެސް މިއޮތީ ފައިރޫޝް ގޯސްވެފަ.

– އުޝާމް ވިދާޅުވިއެވެ.

ކޮމިޝަނަރ ހަމީދު ފައިރޫޝްއަށް ޝުކުރު އަދާކޮށް ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ހަސަން ލަތީފު، ހަމީދު ޓެގް ކުރައްވާ "ސީޕީ ލަދު ގަންނަން" ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ. ހަސަން ލަތީފުގެ އިތުރުންވެސް އެމްޑީޕީގެ ބައެއް މަޖިލީސްމެމްބަރުން ވަނީ ސީޕީ ހަމީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ފައިރޫޝްއަކީ 7 ފެބުރުއަރީ 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ބޭފުޅާ އެވެ. އަދި ކިޔަވާވިދާޅުވުމަށް އޮސްޓްރޭލިޔާގައި ހުންވަނިކޮށް ފައިރޫޝް ފުލުހުންގެ ހިދުމަތުން ވަކިކޮށްފައި ވަނީ 2017 ވަނަ އަހަރު އޭރުގެ ސަރުކާރު ބަދުނާމުވާ ގޮތަށް ހިޔާލުފާޅު ކުރާ ކަމަށް ބުނެ އެވެ. އެއަށްފަހު 2018 ގައި ފައިރޫޝްއަށް އަލުން ވަޒީފާދޭން ކޯޓުން އަމުރުކުރުމާ އެކު އެސިސްޓެންޓް ކޮމިޝަނަރެއްގެ މަގާމުގައި އޭނާގެ ވަޒީފާ އަނބުރާ އިޔާދަ ކުރީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ޖަނަވަރީމަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.