މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުނީ ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ ސަބަބުން:

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުނީ ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ ސަބަބުން:

Author
ހުސައިން
27 މެއި 2025 02:25
0

ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުނީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ ސަބަބުންކަމަށް ސައުދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަހުމަދު ސަރީރު ވިދާޅުވެއްޖެއެވެ.

ސަފީރު ސަރީރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވަނީ ސައުދީ އަރަބިއްޔާއާ އެންމެ ގާތް ގުޅުން އޮތް ގައުމުތަކެވެ. އަދި މި ގައުމުތައް ކަނޑައެޅުމުގައި ހައްޖު ޒިޔާރަތުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ކުރީ އަހަރުތަކުގައި ދައްކާފައިވާ ޤާބިލުކަމަށް ސައުދީ ސަރުކާރުން ރިޢާޔަތްކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ސަފީރު ސަރީރު އިތުރަށް ވިދާޅުވި ގޮތުގައި، މި ނިޒާމުގައި ޝާމިލުވާ ގައުމުތަކަކީ ހައްޖާޖީންގެ ކަންކަން އިންތިޒާމުކުރުމުގައި ފެންވަރު ރަނގަޅު ގައުމުތައްކަމަށް ސައުދީ އޮތޯރިޓީތަކުން ބެލެވެއެވެ. ދިވެހިރާއްޖެއަކީ ކޮންމެ އަހަރަކުވެސް ހައްޖާޖީންގެ ކަންކަން މިހާތަނަށް އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމުކޮށްދީފައިވާ ގައުމެއްކަމުން، މި ފުރުސަތު ރާއްޖެއަށް ލިބޭތޯ ސައުދީ ފަރާތުން ވިސްނާނެކަމަށް ފުރަތަމަ މަޝްވަރާތަކުގައިވެސް ސައުދީ އޮފިޝަލުން ފާހަގަކޮށްފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ޝާމިލުކުރުމަށް މަސައްކަތް ފަށައިފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށާއި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުވީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ސަފީރު ސަރީރު ވިދާޅުވިއެވެ.

މި ކާމިޔާބީއަކީ ދިވެހިރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމެއްގެ ގޮތުގައި ސަފީރު ސަރީރު ފާހަގަ ކުރައްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.