ސްކޫލްގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ދިން މައްސަލައެއް

ސްކޫލްގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ދިން މައްސަލައެއް

Author
ޙަސަން މުޙައްމަދު
26 މެއި 2025 08:15
0

ލ. މުންޑޫ ސްކޫލުގައި ހިނގި މުވައްޒަފެއްގެ މުސާރައާއި ގުޅުންހުރި ޚިޔާނާތުގެ މައްސަލައެއްގައި ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީން މިއަދު ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވިފައިވަނީ، އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި އޭރު ހުރި އާލީ އާދަމް (ހިޔާވެހި / ލ. މުންޑޫ) އެވެ.

އޭސީސީގެ ތަޙުޤީޤަށް ފާހަގަވެފައިވާ ގޮތުގައި، ސްކޫލަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އާ ޚިލާފަށް ވަޒީފާއިން ވަކިނުކޮށް ބަހައްޓާފައިވެ އެވެ. އަދި 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް، އެ މުވައްޒަފުގެ ނަން މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވާ ކަން ފާހަގަ ކުރެވިފައިވެ އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ސަބަބުން ދައުލަތަށް ޖުމުލަ 28,317.99 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

މި ފައިސާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ ލ. މުންޑޫ ސްކޫލަށް އަންގައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.