ހދ. ނޮޅިވަރަމުގައި މިއަދު އުމުރުން 66 އަހަރުގެ ފިރިހެނަކު މަސްގަންނަން ދިޔަފަހުން މޫދުގައި މަރުވެފައިވާ އޮއްވާ ފެނިއްޖެއެވެ.
ނޮޅިވަރަމު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ބައެއް މީޑިއާތަކާއި ހިއްސާކުރި މައުލޫމާތުގައި ވިދާޅުވީ، މަރުވި މީހާއަކީ އާންމުކޮށް ކޮންމެ ދުވަހަކުވެސް މެންދުރު ނަމާދުގެ ކުރިން މޫދަށް އެރެމުން ދާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ބައެއް ފަހަރު ފިޓުޖެހޭ މީހެއް ކަމަށް ވެސް ޔޫސުފް މޫސާ ފާހަގަކުރެއްވިއެވެ.
މިއަދު ހެނދުނު 11:00 ނުވަތަ 11:30 ގެ ގާތްގަނޑަކުން އޭނާ މަސްގަންނަން މޫދަށް ގޮސްފައިވާއިރު، މެންދަމަށްފަހު އަސުރު ނަމާދު ވާންދެން ގެއަށް ނުފެންނާތީ އާއިލާގެ ފަރާތުން އޭނާ ހޯދަން ފަށާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އޭނާ ފެނިފައިވަނީ އިރުއޮއްސި 6:00 ގައި ކަމަށާއި، ކައުންސިލަށް މި ހާދިސާގެ ޚަބަރު ލިބުނީ 17:38 ގައި ކަމަށް ޔޫސުފް މޫސާ ވިދާޅުވިއެވެ.
ފުލުހުންގެ ފަރާތުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، އުމުރުން ދުވަސްވީ އެ ފިރިހެނާ މިއަދު 11:30 ގައި މަސްގަންނަން ދިޔަފަހުން ޚަބަރެއް ނުވުމުން 17:45 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ނޮޅިވަރަމުގެ އޮޑިއެހެލާ ސަރަހައްދުގެ މޫދުގައި މަރުވެފައިވާ ހާލުގައި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ފުލުހުން މިހާރު ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
ރާއްޖޭގައި ގެނބިގެން ނުވަތަ އެހެން ސަބަބަކާހުރެ މޫދުގައި މީހުން މަރުވާ ހާދިސާތައް އެކި ފަހަރުމަތިން ދިމާވަމުން އައެވެ. މިދިޔަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް މާލޭގެ ނޯތު ހާބަރުގައި ގެނބުނު މީހަކު ސަލާމަތްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ