ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 230,380 ރުފިޔާ ހަދިޔާ ކޮށްފި

ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 230,380 ރުފިޔާ ހަދިޔާ ކޮށްފި

Author
ހުސައިން
24 މެއި 2025 02:55
0

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 230,380 ރުފިޔާ ހަދިޔާކޮށްފިއެވެ.

ރޯދަ މަހުގައި ހިންގުނު މި ޚާއްޞަ ޕްރޮގްރާމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މި ފައިސާ ދެވުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ބޭނުންތަކަށެވެ.

މި ފައިސާ ރަސްމީކޮށް ހަވާލުކުރެއްވި ރަސްމިއްޔާތެއް ބޭއްވިފައިވާއިރު، އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. އާއިޝަތު ޝިހާމެވެ. ދިރާގުގެ ފަރާތުން މި ފައިސާ ހަވާލުކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މި ފަދަ މަސައްކަތްތަކަކީ، މުޖުތަމަޢުގެ އެކި ފަންތިތަކަށް އެހީތެރިވުމުގެ ގޮތުން ކުންފުނިން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެކެވެ. ޚާއްޞަކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މި ފަދަ އެހީތެރިކަން ފޯރުކޮށްދިނުމަކީ، އެ ކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

ދިރާގުން ފާހަގަކޮށްފައިވަނީ، ކުންފުނިން މި ފަދަ އިޖްތިމާއީ ޒިންމާތައް އުފުލުމަކީ ކުންފުނީގެ އަސާސީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.