ބ. ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ނިމިއްޖެ

ބ. ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ނިމިއްޖެ

Author
ހުސައިން
23 މެއި 2025 10:44
0

ބ. ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމާލާއިފިއެވެ. 56.26 މިލިއަން ރުފިޔާ ޚަރަދުވި މި މަޝްރޫއު ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި ފެނަކަ ކޯޕަރޭޝަންއާ ގުޅިގެންނެވެ.

މި މަޝްރޫއުގެ ދަށުން ކެންދޫގައި ފެން އުފެއްދުމަށް ބޭނުންވާ ޕްލާންޓް ބެހެއްޓުމަށް ޚާއްޞަ ފެސިލިޓީ ބިލްޑިންގއެއް ތަރައްޤީކޮށްފައިވާއިރު، ރަށުގެ އެކި ސަރަޙައްދުތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި ފެނުގެ މައި ނެޓްވޯކް އަޅައި، ގޭގެޔަށް ފެނުގެ ކަނެކްޝަންތައް ގުޅައިދީފައިވެ އެވެ. މީގެ އިތުރުން ސާފު ބޯފެން އުފެއްދުމަށް ބޭނުންވާ ފެންޕްލާންޓް ގާއިމްކޮށް، ބިމުގެ އަޑިން ފެން ނެގުމަށް ބޯހޯލް ތޮރުފައިވާއިރު، ރިޖެކްޓް ލައިން އެޅުމާއި ފެން ރައްކާކުރުމަށް ބޮޑު ތާނގީއެއްވެސް ވަނީ ބަހައްޓާފަ އެވެ.

ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ރަށުގެ އެކި ހިސާބުތަކުގައި ނަރުދަމާގެ މައި ނެޓްވޯކް އެޅުމާއި، ޕަމްޕިންގ ލައިންތައް ގާއިމްކޮށް، ނަރުދަމާ ޕަންޕްކުރުމަށް ޚާއްޞަ ސްޓޭޝަނެއް ބިނާކޮށްފައިވެ އެވެ. ހަމައެއާއެކު ނަރުދަމާ ކަނޑަށް ދޫކުރުމަށް ސީ އައުޓްފޯލް އެޅުމުގެ އިތުރުން، ކޮންމެ ގެއެއްގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާކަން އެމްޑަބްލިއުއެސްސީން ފާހަގަކުރެ އެވެ.

މި މަޝްރޫއުގެ އެއް ބައެއްގެ ގޮތުގައި، ފެނުގެ ފެންވަރު ދެނެގަތުމަށާއި ތަހުލީލު ކުރުމަށް ބޭނުންވާ އާލާތްތަކާއި، ފެނާއި ނަރުދަމާގެ ނިޒާމު ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ އުޅަނދުފަހަރު ފޯރުކޮށްދޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިއީ ކެންދޫގެ ރައްޔިތުންނަށް ދިގު މުއްދަތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.