ލަންކާވީގައި ބޭއްވޭ ބައިނަލްއަޤްވާމީ މެރިޓައިމް އަދި އޭރޯސްޕޭސް މަޢުރަޒުގައި ދިވެހިރާއްޖޭގެ ދިފާޢީ ޣައްސާން މައުމޫން އާއި މެލޭޝިއާގެ ދިފާޢީ ވަޒީރު މުޙައްމަދު ޚާލިދު ބިން ނޯޑިން އާ ދެމެދު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.
"ސަރަޙައްދީ ސަލާމަތާއި ގުޅޭ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމަށް މެލޭޝިއާއާއެކު ގުޅިގެން މަސައްކަތްކުރުމަކީ ދިވެހިރާއްޖޭގެ އެއް އިސްކަމެކެވެ," ޣައްސާން މިބައްދަލުވުމުގައި ވިދާޅުވިއެވެ.
ދިފާޢީ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި ދެ ޤައުމަށް މުހިންމު ސަލާމަތީ ކަންކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މެލޭޝިއާގެ ދިފާޢީ ވަޒީރު މުޙައްމަދު ޚާލިދު ބިން ނޯޑިން ވިދާޅުވީ "އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުލްޙަ އަމާންކަން ޤާއިމްކުރުމަށް ދިވެހިރާއްޖެއަކީ މުހިންމު ބައިވެރިއެއް" ކަމަށެވެ.
ލަންގްކާވީ އިންޓަނޭޝަނަލް މެރިޓައިމް އެންޑް އޭރޯސްޕޭސް އެކްޒިބިޝަން (ލިމާ 2025) އަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް މެރިޓައިމް އަދި އޭރޯސްޕޭސް މަޢުރަޒެވެ. މި މަޢުރަޒުގައި 24 ޤައުމަކުން 860 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްފައިވާ ސަލާމަތީ ދާއިރާގެ މާހިރުންނާއި، ވިޔަފާރިވެރިން އެއްތަނަކަށް ޖަމާވެފައިވެއެވެ.
ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މި މަޢުރަޒުގައި ބައިވެރިވުމަށް މެލޭޝިއާއަށް ވަޑައިގެންފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. މިދަތުރުގައި އޭނާ ވަނީ އެހެނިހެން ޤައުމުތަކުގެ ދިފާޢީ ލީޑަރުންނާއެކުވެސް ބައްދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ