މާލެ، 21 މޭ 2025 – ރާއްޖޭގެ އުތުރު ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ވައުދުގެ ދަށުން ހދ. ކޭލަކުނާއި ށ. ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީކުރުމަށް ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ދެމެދު ވެވުނު މި ފަހުމުނާމާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކު ގާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން ހިންގޭ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ކޭލަކުނާއި ފަރުކޮޅަކީ ރާއްޖޭގެ ތިމާވެށީގެ ގޮތުން ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވިފައިވާ ރަށްތަކެއްގެ ގޮތުގައި ކުރިން ވެސް ހިމާޔަތްކޮށްފައިވާ ދެ ރަށެވެ.
މިނިސްޓްރީގެ އިސްވެރިޔަކު ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. މިނިސްޓްރީގެ ޓެކްނިކަލް ލަފާގެ މަތިން ކުރިއަށްދާ މި މަޝްރޫޢަކީ ރަށްތަކުގެ ގުދުރަތީ ނުވަތަ ތަބީޢީ ގޮތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ހިންގޭ މަޝްރޫޢެއް ކަމަށް އެފަރާތުން ވިދާޅުވިއެވެ.
މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން އުތުރު ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެޅުއްވި އެންމެ ފަހުގެ ފިޔަވަޅެވެ. މި މަޝްރޫޢުން ދިވެހިރާއްޖޭގެ ޓޫރިޒަމަށް އައު މަންޒިލްތަކެއް ހުޅުވި، ތިމާވެށްޓަށް ރައްޓެހި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ