އެމްޑަބްލިއުއެސްސީއިން ޚަރަދު ކުޑަކޮށްގެން 160 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

އެމްޑަބްލިއުއެސްސީއިން ޚަރަދު ކުޑަކޮށްގެން 160 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

Author
ހުސައިން
20 މެއި 2025 07:52
0

އެމްޑަބްލިއުއެސްސީއިން 2024 ވަނަ އަހަރު ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން 160 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ހާމަކުރައްވައިފިއެވެ.

ރޭ އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، މަތީން ވިދާޅުވީ 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ހިންގުމުގެ ޚަރަދުން ވަރަށް ބޮޑު އަދަދެއް ސަލާމަތްކުރެވިފައިވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ސެޕްޓެމްބަރު 3 ގައި ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވެސް މިކަމާ ގުޅޭ ސާކިއުލާއެއް ނެރެފައިވެއެވެ.

"އަޅުގަނޑުމެން އަމާޒު ބެހެއްޓީ ކޮންމެހެން ކުރަންޖެހޭ ޚަރަދު ފިޔަވައި އިތުރު ޚަރަދުތައް ނުކުރުމަށް" މަތީން ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވިގޮތުގައި ކުންފުނީގެ ޕްރޮކިއުމަންޓް އިސްލާހުކޮށް، ވާދަވެރި މާހައުލެއްގައި ތަކެތި ގަތުމުން ޚަރަދުތައް ކުޑަކުރެވިފައިވެއެވެ.

އެމްޑަބްލިއުއެސްސީގެ ހިންގުމުގެ ޚަރަދުގެ ބޮޑު ބައެއް ހޭދަވަނީ ތެލަށް ކަމަށް ފާހަގަކުރައްވައި، މިކަން ހައްލުކުރުމަށް ސޯލާ ޕީވީ ބޭނުންކުރަން މަސައްކަތްކުރަމުންދާ ކަމަށް މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ޖަޕާނު ސަރުކާރާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ޑީސަލް ބޭނުންނުކޮށް ފެން އުފައްދާ ޕްރޮޖެކްޓެއް މިއަހަރު ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ޕްރޮޖެކްޓް ކާމިޔާބުވުމުން އެހެން ރަށްރަށުގައިވެސް ޑީސަލް ބޭނުންކުރުން މަދުކޮށްގެން ފެން އުފެއްދުމަކީ ކުންފުނީގެ އަމާޒެއް ކަމަށް މަތީން ހާމަކުރެއްވިއެވެ.

ސަރުކާރުން ނެރުނު ސާކިއުލާގައި ކުންފުނިތަކުން މުވައްޒަފުންގެ ޚަރަދާއި، ދަތުރުފަތުރުގެ ޚަރަދު ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އިސްކަންދީގެން ކަރަންޓު ޚަރަދު ކުޑަކުރުމަށް އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.