އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

Author
ހުސައިން
18 މެއި 2025 03:46
0

ރާއްޖޭގައި މިދޭތެރެއިން އަރިދަފުސް ރޯގާގެ ބަލީގެ ހާލަތްތައް އިތުރުވަމުންދާތީ، ޞިއްޙީ ދާއިރާއިން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފިއެވެ. ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. އަޙްމަދު ފައިޞަލްގެ ވިދާޅުވީ، މިހާރު ރާއްޖޭގައި ހުމާއި އަރިދަފުސްބަލި ވަރަށް ބޮޑަށް ފެތުރެމުންދާ ކަމުގައެވެ. އޭނާސ ވިދާޅުވިގޮތުގައި، ހުން ޖެހިގެން ތިން ދުވަސްވާއިރު ހާލަތު ރަނގަޅުނުވާނަމަ، ވަގުތުން ޑޮކްޓަރަށް ދައްކަންޖެހެއެވެ.

ހުމާއި އަރިދަފުސް ބަލިން ރައްކާތެރިވުމަށް ޑރ. ފައިޞަލް ދެއްވި ލަފާގައި ހިމެނެނީ:

  • އަތް ގިނަގިނައިން ސާފުކުރުން
  • ބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުން
  • ގިނައިން ފެންފަދަ ދިޔާތަކެތި ބުއިން

މިބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާގެ ގޮތުގައި ޑޮކްޓަރު ހުށަހަޅުއްވާފައިވަނީ:

  • ލުނބޯ، އިނގުރު އަދި މާމުއި އެކުލެވޭ ބުއިންތައް ބޭނުންކުރުން
  • ޕެރަސިޓަމޯލް ފިޔަވައި އިތުރު ބޭސް ނުދިނުން
  • އެކަށީގެންވާ އަރާމު ހޯދުން
  • ދިޔާތަކެތި ގިނައިން ބޭނުންކުރުން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގަވާފައިވާ ގޮތުގައި، އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޓެސްޓް ހަދަންވާނެއެވެ. އަދި އެފަދަ އަލާމާތެއް ހުރިނަމަ، އަނގަޔާއި ނޭފަތް ނިވާކުރާގޮތަށް މާސްކު އަޅަންވާނެއެވެ.

މީގެއިތުރުން، އެޗްޕީއޭއިން ވަނީ ބަލިމީހުން ކުޑަކުދިންގެ ކައިރިއަށް ނުދިއުމަށާއި، އަދި ކޮންމެހެން ބޭނުންވެގެން މެނުވީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުމަށް އެދިފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ދެމަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 55,099 ހާލަތް ރިޕޯޓުކުރެވިފައިވެއެވެ. މިއީ މާރިޗު މަހުގެ 28,560 ކޭސްއާއި އޭޕްރިލް މަހުގެ 26,539 ކޭސް ހިމެނޭ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.