މިނިވަން މުއައްސަސާތަކުގެ މެންބަރުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ދާދިފަހުން ޢައްޔަންކުރެވުނު މުޙައްމަދު ޢަބްދުﷲ (މުހަންމާ) ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓަށް އިއްޔެ ރޭ ޢައްޔަންކުރެވުމާ ގުޅިގެން ފައިސަލް ނަސީމް މިފަދައިން ވާހަކަފުޅު ދައްކަވާފައިވެއެވެ.
ޤާނޫނީ ގޮތުން ބަލާއިރު، ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ސިޔާސީ ޕާޓީއެއްގެ މެންބަރުކަން އަދާކުރުން މަނާކޮށްފައެއް ނުވެއެވެ.
"ޤާނޫނުގައި މަނާކޮށްފައި ނެތަސް، މިނިވަން މުއައްސަސާތަކުގެ މެންބަރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ދެކުން އެއީ ރަނގަޅު ގޮތެއް ނޫން" ކަމަށް ފައިސަލް ވިދާޅުވިއެވެ. "ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތްނަމަވެސް، މުޖުތަމަޢުގައި ޢާންމުކޮށް ޤަބޫލުކުރާ ހަމަތަކާއި އުސޫލުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރަން ޖެހޭނެ" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޑިމޮކްރެޓިކް އަދި ތަހުޒީބީ މުޖުތަމަޢުތަކުގައި މިނިވަން މުއައްސަސާތަކުގެ އިތުބާރާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި، މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ދޫކޮށްލަންޖެހޭ ވަކި ކަންތައްތަކެއް ހުންނާނެ" ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މުހަންމާ ޢައްޔަންކުރެވިފައިވަނީ މިއަހަރުގެ ޖަނަވަރީ 22 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ