މަސްތުވާތަކެތި އެތެރެކުރުމުގައި ބަދިގޭ ސާމާނު ބޭނުންކުރާ މިންވަރު އިތުރުވެއްޖެ: ހޯމް މިނިސްޓަރު

މަސްތުވާތަކެތި އެތެރެކުރުމުގައި ބަދިގޭ ސާމާނު ބޭނުންކުރާ މިންވަރު އިތުރުވެއްޖެ: ހޯމް މިނިސްޓަރު

Author
ހުސައިން
13 މެއި 2025 05:39
0

ބަދިގޭ ސާމާނުތަކުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ބޭއްވި އަހާ ފޯރަމެއްގައި ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވީ ހިލަވެއްޔާއި އެހެނިހެން ކާގޯ ޝިޕްމަންޓްތަކުގައި މަސްތުވާތަކެތި އެތެރެކުރުމާއި، އެފަދަ ކާގޯ އިންސްޕެކްޓްކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"މިހާރު ގިނައިން މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނީ ޕޯސްޓުގެ ޒަރިއްޔާއިން، ކޮވިޑުގެ ކުރިން ކަނޑުމަތިން އެތެރެކުރާކަން ފާހަގަކުރެވުނު ނަމަވެސް، މިހާރު އެތެރެކުރާ ގޮތްތައް ބަދަލުވަމުން އެބަދޭ" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިދިޔަ މަހު ބާޖެއްގައި އެތެރެކުރި މުދަލުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އެފަދައިން ފާހަގަކުރެވިފައިވަނީ އެންމެ މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، އަވަން، މިކްސަރ އަދި މެޓަލް ބޮޑީ ހުންނަ އެޕްލަޔަންސްތައް ފަދަ ބަދިގޭ ސާމާނުތަކުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"މި މީހުން ފަހައި، ޓެކްޓިކްސް ފަހައި ދުވެގެންނެއް މިކަން ނެތް ވާކަށް. އަޅުގަނޑުމެން މިހާރު މި ދަނީ އެ މީހުން ގެންގުޅޭ ފައިސާއާ މަސްތުވާތަކެތީގެ ވިޔަފާރި ފަހައި. އެ ގޮތަށް މިކަން ކޮށްގެން ނޫނީ ހައްލެއް ނުވާނެ،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅެނީ މަދު ބައެއް ކަމަށާއި، އެ މީހުންނާ ގާނޫނު އަރައި ހަމަވާ ހިސާބުން މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ހިމެނޭ ކަމަށާއި، މި އަހަރު ނިމޭއިރު މިކަމަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.

ފާއިތުވި އަހަރު ހާހަކަށް މަސްތުވާތަކެތީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނު ކަމަށާއި، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ މިހާރު ބަލައި ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ހޯމް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިވެރިންގެ ސަޕްލަޔަރުންތައް ހޯދައިގެން، އެ ވިޔަފާރީގެ އެންމެ ފުނުގައި ތިބި މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.