ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވީ ކުރީގެ ފަނޑިޔާރު ސުއޫދު: ބަންޑާރަނައިބު

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވީ ކުރީގެ ފަނޑިޔާރު ސުއޫދު: ބަންޑާރަނައިބު

Author
ހުސައިން
13 މެއި 2025 05:38
0

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، ނުފޫޒު ފޯރުވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ "އަހާ ފޯރަމް" ގައި މިރޭ ވާހަކަދައްކަވަމުން، އުޝާމް ވިދާޅުވީ ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމުން ސިޔާސީ ވާހަކަ ދައްކަވާނެ ކަމަށާއި، ސިޔާސީ ކޮންމެ ވާހަކައަކަށް ރައްދުދެއްވަން ބޭނުންނުވާ ކަމަށެވެ.

"މި ސަރުކާރުން، ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިދިޔަ މުއްދަތުގެ ތެރޭގައި އެކިއެކި ގޮތްގޮތުން ހުސްނުއްސުއޫދު އެކިއެކި މީހުން މެދުވެރިކޮށް ރައީސަށް ފޮނުވާފައި ހުރި މެސެޖުތަކާއި، ރައީސްއާ ބައްދަލުވެގެން އެކިފަހަރު ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެބޭފުޅާ. ޖުޑީޝަރީއަށް ވެސް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެބޭފުޅާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވާފައި ހުންނާނީ އެބޭފުޅާ" ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ ވާހަކަފުޅުގައި، ސުއޫދު ނުފޫޒު ފޯރުވިކަން ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށާއި، އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން އެ މައްސަލަ ތަހުގީގުކޮށްފިއްޔާ ޖަވާބުދާރީވެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފައި އޮތިއްޔާ އެކަން ކުރެއްވި ބޭފުޅަކީ ސުއޫދު ކަމަށް އުޝާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅުވައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ތުހުމަތުތަކެއް ކުރައްވާކަން ފާހަގަކުރައްވައި، އެޖެންޓެއް ފޮނުވައިގެން އިންޒާރެއް ދިން ކަމަށް ވިދާޅުވެ އަޒްމިރަލްދާ ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ރައްޓެއްސަކާ ދެކެވުނު ވާހަކައެއް، ކަން ދިމާކުރި ގޮތުން މި ރައްޓެއްސަކީ އަޅުގަނޑާއި ޑރ. އަޒްމިރަލްދާގެ ވެސް ކޮމަން ފްރެންޑެއް. ދެކެވުނު ވާހަކައެއްގެ ތެރެއިން އެމީހަކު އެ ދެއްކި ވާހަކައެއް އެއީ އެލިގޭޝަނެކޭ އެ ވިދާޅުވަނީ. އެކަމަކު އެއީ އެހެން ހިނގައިދިޔަ ކަމެއް ވެސް ނޫން. އެކަމެއް ހިނގައިދިޔައީ ވެސް ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައިގެ ވެސް މާކުރިން" ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

އުޝާމްގެ ވާހަކަފުޅުގައި، އެ ރައްޓެއްސަކާ ވާހަކަ ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު ކަމަށާއި، އޭރު ސުޕްރީމް ކޯޓުގެ މައްސަލައިގެ އަޑުއެހުމެއް ވެސް ތާވަލުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ދެ އަޑުއެހުމެއް ބޭއްވި ކަމަށްވެސް ވިދާޅުވިއެވެ.

"ތިޔަ ވިދާޅުވާ ދެ ފަނޑިޔާރުން އެ ހިޔަރިންގައި ތިއްބަވަން ވެސް ތިއްބެވި. އަޅުގަނޑުމެން އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށްވާ ނަމަ، ކީއްވެގެންތޯ އޭރު އެ ވާހަކަ ވިދާޅުނުވީ. އެހާ ސީރިއަސް އެލިގޭޝަނެއް އަޅުގަނޑަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް ކުރައްވާ އިރުގައި، މައްސަލައިގެ ދެ ހިޔަރިން ދިޔަ އިރުގައި ކީއްވެގެންތޯ އެ ވާހަކަ ވިދާޅުނުވީ" ކަމަށް އުޝާމް ސުވާލު ކުރެއްވިއެވެ.

މީގެއިތުރުން، މިހާރު ނޫސްބަޔާންތަކާ އެއްޗެހި ނެރުއްވާ އިރު، މީގެ ކުރިން އެފަދަ ތުހުމަތުތަކެއް ކޮށްފައިނުވާ ކަމަށާއި، އެ ހުރިހާ ވާހަކަތަކެއް ދައްކަން ފެށީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ދިމާވެގެން އެ މައްސަލަތައް ބަލަން ފެށުމުން ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.