ސިނަމާލެ ބުރިޖް ހައިވޭގައި ހޮނިހިރު ދުވަހުގެ ރޭ 19:08 ހާއިރު ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓުގައި ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ފިޓްނަސް އިންފްލުއެންސާ އައިޝަތު ޝަޒީގެ ހާލު ވަރަށް ސީރިއަސްވެފައިވާ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއެވެ.
އެކްސިޑެންޓުގެ ވަގުތު ޝަޒީ އިނީ ކަވަސާކީ ބްރޭންޑްގެ ރޭސް ސައިކަލުގެ ފަހަތުގައެވެ. މި ސައިކަލް ބްރިޖުގައި ވަރަށް ބާރަށް ދުއްވާ ވީޑިއޯއެއް މީގެ ކުރިން އާންމުވެފައިވާކަން ފާހަގަކުރެވެއެވެ.
ޝަޒީއަށް ފުރަތަމަ ފަރުވާދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައެވެ. އެހެންނަމަވެސް މިހާރު ވެންޓިލޭޓަރުން ނަގައި އައިސީޔޫއަށް ބަދަލުކޮށްފައިވާކަމަށް ހޮސްޕިޓަލުން ހާމަކުރިއެވެ. ނަމަވެސް ޝަޒީގެ ހާލު އަދިވެސް ވަރަށް ސީރިއަސްކަމަށް ވަނީ ބުނެފައެވެ.
މި އެކްސިޑެންޓުގައި ޝަޒީގެ އިތުރުން އިތުރު ދެމީހަކަށްވެސް އަނިޔާވިއެވެ. ނަމަވެސް އެ ދެމީހުންނަށް ކުދި އަނިޔާތަކެއް ލިބުނު ކަމަށްވާތީ ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި، އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލުވެސް މިހާރު ވަނީ ޓޯކޮށްފައެވެ. އަދި މި މައްސަލަ ތަޙްޤީޤުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުންގެ ފަރާތުން ބުންޏެވެ.
ކޮމެންޓު ފޮނުވާ