"މޯލްޑިވްސް 2.0″ ޑިޖިޓަލައިޒޭޝަން މަޝްރޫޢު އިފްތިތާޙް ކޮށްފި

"މޯލްޑިވްސް 2.0″ ޑިޖިޓަލައިޒޭޝަން މަޝްރޫޢު އިފްތިތާޙް ކޮށްފި

ގުޅުންހުރި

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހިންގާ "މޯލްޑިވްސް 2.0″ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. "މޯލްޑިވްސް 2.0″ އިފްތިތާހު ކުރެއްވީ ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި މަޝްރޫޢަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާޙީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. ސަރުކާރުން ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ ތެރެއިން ކުރެވޭ އިސްލާޙީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތްތައް ލިބޭނެގޮތަށް ފަރުމާކުރެވިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ. އަދި ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކިވަކި ނިޒާމުތައް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއްގެ ގޮތުގައި ރައްޔިތުންގެ އިހްސާސްތަކާއި ތަޖުރިބާ ބަދަލުވެގެންދާނެއެވެ.

ސަރުކާރުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން ޚިދުމަތްތައް ލިބުމުގައި ދިމާވާ ލަސްވުންތަކަށް ފަރުވާ ހޯދައި، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ނަތީޖާ ނެރުމަށް އިސްކަންދެވޭނެއެވެ. އަދި ޚިދުމަތް ހޯދުމުގައި ކަންކަން ވާންވީގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވިގެންދާނެއެވެ.

"މޯލްޑިވްސް 2.0″ އަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ އިސްތިޖާރުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫންކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީގޮތުން ހިންގާގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް ކުރިއަށް އޮތް ތިން އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.

ސަމިޓުގައި ހުށަހެޅުނު ގޮތުގައި "މޯލްޑިވްސް 2.0″ ބިނާކުރެވިފައިވަނީ ދެފުށްފެނުމާއި ހާމަކަން އިތުރުކުރުން، ހުރިހާ ފަރާތްތައް ޝާމިލުކުރުން، ގުޅިގެން މަސައްކަތްކުރުން، ޚިދުމަތް ހޯދާފަރާތް އިސްކުރުން، ސަލާމަތާއި ސިޔާދަތީ ކަންކަން ކަށަވަރުކުރުން އަދި ޒިންމާދާރުކަމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން ހިމެނޭ އަސާސްތަކުގެ މައްޗަށެވެ.

މީގެއިތުރުން މި މަޝްރޫޢު ބިނާކުރެވިފައިވަނީ އަށް ތަނބުގެ މައްޗަށެވެ. އޭގެތެރޭގައި ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމެއް ޤާއިމްކުރުން، ސައިބަރ ސެކިއުރިޓީގެ ހަރުދަނާ ނިޒާމެއް އެކުލަވާލުން، ދައުލަތުގެ މުއައްސަސާތަކުން ރައްކާތެރިގޮތުގައި ޑޭޓާ ޙިއްޞާކުރެވޭނެ ނިޒާމެއް ޤާއިމްކުރުން، ޑިޖިޓަލް މުޢާމަލާތްތަކަށް އިތުބާރު އުފައްދައިދޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން، ޑިޖިޓަލް އުމްރާނީ ވަސީލަތްތައް ޤާއިމްކުރުން، ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން، ދައުލަތުގެ އެކި ދާއިރާތަކަށް ޑިޖިޓަލައިޒޭޝަން ގެނައުން އަދި އައި.ސީ.ޓީ ދާއިރާގެ ފުރުޞަތުތައް ދިވެހިންނަށް ފުޅާކުރުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ