"މޯލްޑިވްސް 2.0″ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، 2028 ވަނަ އަހަރު ފެށޭއިރު ދައުލަތުގެ މުވައްޒަފުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މިހާރު ދައުލަތުގެ އިދާރާތަކުގައި ގާތްގަނޑަކަށް 49،000 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، "މޯލްޑިވްސް 2.0″ މަޝްރޫޢުގެ ތެރެއިން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން، ޤާނޫނީ އިމުގެ ތެރެއިން މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ނިޒާމުގެ ދަށުން، މުވައްޒަފުން ހަފުތާއަކު ކަނޑައެޅޭ ވަކި ގަޑިތަކެއްގައި އޮފީހަށް ހާޒިރުވާގޮތަށް އުސޫލުތައް ބައްޓަންކުރެވިގެންދާނެ ކަމަށެވެ. މިފަދަ ބަދަލެއް ގެނައުމުން ދައުލަތަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް ފާހަގަކުރައްވައި، މީގެތެރޭގައި ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަވުމާއި، ދައުލަތް ހިންގުމުގެ ހަރުދަނާކަން އިތުރުވުމާއި، ދެފުށް ފެންނަ މިންވަރު އިތުރުވުމާއި، ރައްޔިތުންގެ ޙައްޤުތައް އިތުރަށް ކަށަވަރުވެގެންދިއުން ހިމެނެއެވެ.
އަދި މިފަދަ ބަދަލެއް ގެނައުމުން މަގުމަތީގެ ޓްރެފިކް މައްސަލަތައް ޙައްލުވެ، ވެހިކަލްތަކުން ބޭރުކުރާ ގްރީން ހައުސް ގޭސްތައް މަދުވެގެންދާނެކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
"މޯލްޑިވްސް 2.0″ އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން އިފްތިތާޙްކުރެވުނު، ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމާޒަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަލުވި، ރައްކާތެރި އަދި ދެފުށް ފެންނަ ގޮތަކަށް ބަދަލުކޮށް، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އޭގެ ނަތީޖާ ފެންނާނެ ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމެވެ.