ދައުލަތުގެ ޚަރަދު ދަށްވެ، އާމްދަނީ އިތުރުވި ނަމަވެސް މުސާރައިގެ ޚަރަދު އިތުރުވެއްޖެ

ދައުލަތުގެ ޚަރަދު ދަށްވެ، އާމްދަނީ އިތުރުވި ނަމަވެސް މުސާރައިގެ ޚަރަދު އިތުރުވެއްޖެ

ގުޅުންހުރި

ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓް ދައްކާގޮތުން، މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 13.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 12 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާގެ ޑެފިސިޓްއިން އަރަނިވެފައިވާ 17 ވަނަ ހަފުތާކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި އަހަރަށް ފާސްކުރެވުނު ބަޖެޓުގައި އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ 24.3 ޕަސެންޓް މިހާތަނަށް ހިނގާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވާލެވުނު ސިޔާސަތުތައް ތަންފީޒުކުރަން ފެށުމާއެކު، ދައުލަތުގެ ޖުމުލަ ޚަރަދު ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21.3 ޕަސެންޓް ދަށްވެފައިވެއެވެ.

ތަރައްޤީގެ މަޝްރޫޢުތައް އަލުން ރިވިއުކޮށް، ނަތީޖާ ނެރެވޭނެ ޕްރޮގްރާމްތަކަށް އިސްކަންދިނުމުގެ ސިޔާސަތާއެކު، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކުރެވުނު ޚަރަދު، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 75.8 ޕަސެންޓް ދަށްކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ދަތުރުފަތުރުގެ ޚަރަދުތައް 21.8 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، ހިންގުމުގެ ޚަރަދު 8.6 ޕަސެންޓް ދަށްވެފައިވެއެވެ. މިގޮތުން ޖުމުލަ ރިކަރަންޓް ޚަރަދު 3.3 ޕަސެންޓަށް ދަށްވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، ޕޭ-ހާމަނައިޒޭޝަންގެ ދަށުން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު، މުވައްޒަފުންނަށް ކުރެވޭ ޚަރަދު އިތުރުވެގެންގޮސް، މުސާރައަށް ކުރެވުނު ޚަރަދު ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.5 ޕަސެންޓް އިތުރުވެފައިވެއެވެ.

ދައުލަތަށް މި މުއްދަތުގައި ލިބުނު 13.5 ބިލިއަން ރުފިޔާގެ ތެރެއިން 78 ޕަސެންޓަކީ ޓެކްސް އާމްދަނީކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ