ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ޕްރޮމޯޝަނެއް ތަޢާރަފުކޮށްފިއެވެ. މި ޕްރޮމޯޝަނަކީ ބީއެމްއެލް ވިސާ ކާޑު ބޭނުންކޮށްގެން، ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ހަތަރު އާއިލާއަކަށް މެލޭޝިއާއަށް ހިލޭ ދަތުރެއް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ދަތުރުގައި ހަތަރު މީހުންގެ ދެކޮޅު ޓިކެޓާއި، ހަތަރު ދުވަހުގެ ހުރުމުގެ ޚަރަދުގެ އިތުރުން ދަތުރުގައި ޚަރަދުކުރުމަށް 500 ޑޮލަރުގެ ފައިސާވެސް ހިމެނޭކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ބީއެމްއެލް ވިސާ ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ ޕީއޯއެސް މެޝިން މެދުވެރިކޮށް މަދުވެގެން 5،000 ރުފިޔާގެ ވިޔަފާރި ކުރަންޖެހޭނެއެވެ. އަދި ޕްރޮމޯޝަންގެ ދަށުން ހޮވޭ ފަރާތްތައް އަންނަ އޮކްޓޫބަރުގެ ކުރިން ދަތުރުކުރަން ޖެހޭނެކަމަށްވެސް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން، މި ފުރުޞަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބީއެމްއެލް ވިސާ ކާޑު ބޭނުންކޮށްގެން ޚަރަދުކުރުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.
ގިނަ ބޭންކް ކަސްޓަމަރުންގެ ތެރެއިން ހަމައެކަނި ހަތަރު އާއިލާއަކަށް މި ފުރުޞަތު ލިބިގެންދާނެކަމަށްވުމާއެކު، ވީހާވެސް އަވަހަށް ޕްރޮމޯޝަންގައި ބައިވެރިވުމަށް ބީއެމްއެލްއިން ވަނީ ހުރިހާ ކަސްޓަމަރުންނަށް ގޮވާލާފައެވެ.