ހެދި އިންސްޕެކްޝަނުން ހާމަވީ ބްރިޖުގެ ހާލަތު މިހާރުވެސް ވަރަށް "ބަރާބަރު"ކަން: ޗައިނާ ސަފީރު

ހެދި އިންސްޕެކްޝަނުން ހާމަވީ ބްރިޖުގެ ހާލަތު މިހާރުވެސް ވަރަށް "ބަރާބަރު"ކަން: ޗައިނާ ސަފީރު

Author
ހުސައިން
07 މެއި 2025 09:52
0

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ކޮންގް ޝިއަންހު މިއަދު ވިދާޅުވެފައިވަނީ، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ބިނާކަމަށްވާ ސިނަމާލެ ބްރިޖުގެ ހާލަތު މިހާރުވެސް ވަރަށް "ބަރާބަރު" ކަމަށެވެ.

ސަފީރު އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޗައިނާއާއި ރާއްޖޭގެ އެކުވެރިކަމުގެ ނިޝާނެއްކަމަށްވާ ސިނަމާލެ ބްރިޖުގެ އިންސްޕެކްޝަން މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ޒުވާން ޓީމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އިންސްޕެކްޝަންގެ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، ހަތް އަހަރު ވަންދެން ބޭނުންކުރުމަށްފަހުވެސް މި "ރީތި ބްރިޖު" އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަން އެނގިފައިވާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

ބްރިޖުގެ ހާލަތު ރަނގަޅުވެފައި މިހުރީ އެތަން އިންސްޕެކްޓްކޮށް ބެލެހެއްޓުމުގައި ޗައިނާގެ ޕްރޮފެޝަނަލް ޓީމެއް މަސައްކަތްކުރާތީކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މި ޓީމުގައި ޗައިނާގެ ޒުވާން އިންޖިނިއަރުންގެ އިތުރުން ބައެއް ދިވެހި ޒުވާނުންވެސް ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑު އުންމީދުކުރަނީ އިތުރު ގިނަ ދިވެހި ޒުވާނުން ގާބިލު އިންޖިނިއަރުންގެ ގޮތުގައި ކުރިއަރައި، ބްރިޖް މެއިންޓަނަންސްގެ މަސައްކަތާ ހަވާލުވާނެ ކަމަށް،" ސަފީރު ވިދާޅުވިއެވެ.

އާ ސަފީރު ކޮންގް ޝިއަންހު ރާއްޖޭގެ ސަފީރުކަމުގެ މަޤާމާ ހަވާލުވެ، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެރުވީ މިދިޔަ ހޯމަ ދުވަހުއެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް 30 ގައި ބޭނުންކުރަން ފެށުނު ސިނަމާލެ ބްރިޖަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބައެއްގެ ދިރިއުޅުން ބަދަލުކޮށްލައި، މި ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ގެނެސްދިން ބިނާއެކެވެ. މިހާރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު 1.4 ކިލޯމީޓަރުގެ މި ބްރިޖު ހުރަސްކޮށް، މާލެއާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ދަތުރުކުރެއެވެ.

ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ރާއްޖޭގައި ހިންގި އެ ފެންވަރުގެ ފުރަތަމަ، އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުވެސް މެއެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު މި ބްރިޖަށް ހޭދަކުރެވުނު އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީއެވެ. ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫޢަށް 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ.

ބްރިޖު ބޭނުންކުރަން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް އެތަނުގެ މެއިންޓެނަންސްގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ބްރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. މި ކުންފުނިން މި މަސައްކަތް ކުރަމުން ގެންދަނީ ހިލޭއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.