ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިހާރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާތީ ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ހެލްތް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އަހަރުގެ އެހެން މަސްތަކާ އަޅައިބަލާއިރު މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ.
ހެލްތް މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި މި އަހަރު މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަތޮޅު އަދި އއ. އަތޮޅުންނެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކުރެވުނު ޑެންގީ ކޭސްތަކަށް ބަލާއިރު، ޖެނުއަރީ މަހު 75 ކޭސް، ފެބްރުއަރީ މަހު 80 ކޭސް، މާޗް މަހު 73 ކޭސް އަދި އެންމެ ފަހުން ނިމިގެންދިޔަ އޭޕްރީލް މަހު 124 ކޭސް ވަނީ ރިޕޯޓްކުރެވިފައެވެ.
ޑެންގީއަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެއްކަމަށްވާތީ، މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެއެވެ.
ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއްވާފައިވާ ގޮތުގައި، މަދިރި އާލާވާ ގޮތްގޮތަށް އަމަލު ނުކުރުމަށް އާންމުން ސަމާލުވާންޖެހެއެވެ. އެގޮތުން ފެން އެޅޭ ގޮތަށް ފުޅި ފަދަ ތަކެތި އުކައިނުލުމަށާއި، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމުގެ އިތުރުން މޮސްކިޓޯ ރެފެލެންޓް ފަދަ ތަކެތި ބޭނުން ކުރުމަށްވެސް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ