އިންޑިއާއާއެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން ވެފައިވާ ވައުދުތައް ފުއްދުމުގައި މިހާރުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ސުވާލުކުރުމަށް، މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ހާޒިރުކުރުމަށް ނިންމާއިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ، ކުރީގެ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރައްވާނެކަމުގެ ވައުދާއެކުގައެވެ. ވެރިކަމުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ތިބިކަމަށް ވިދާޅުވެ، އެމްޑީޕީގެ ވެރިކަމުގައި ނުރައްކާތެރި އެއްބަސްވުންތަކެއް ހެދިފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އެހެންނަމަވެސް، ވެރިކަމަށް ވަޑައިގެން ދޮޅު އަހަރުވީއިރުވެސް އެއްބަސްވުންތައް ހާމަނުކުރެއްވުމާ ގުޅިގެން ރައީސަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
500 އަށްވުރެ ގިނަ ދުވަހަށްފަހު މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށެވެ. އެއްބަސްވުންތައް ހާމަނުކުރެވެނީ ބައެއް ގައުމުތަކުން އެކަމަށް ހުއްދަ ނުދިނުމުން ކަމަށް ވިދާޅުވިއެވެ.
މާދަމާ މަޖިލީހަށް ޣައްސާން ހާޒިރުކުރެވެނީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބުދިނުމަށެވެ. އެ ސުވާލުތަކުގެ ތެރޭގައި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަ ނުކުރެވިގެން އުޅެނީ ކީއްވެގެންތޯއާއި، މިހާތަނަށް އިންޑިއާގެ ކިތައް ސިފައިން ރާއްޖެއިން ފޮނުވާލެވިއްޖެތޯ އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ގެންގުޅުނީ ކޮން ބާވަތެއްގެ ހަތިޔާރެއްތޯ ހިމެނެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލެއްވުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަހުން މި ސަރުކާރުން ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިއަށް ގެންދަވާ ހަރަކާތެއްކަމަށް ބުނެފައެވެ. މިއާއެކު މިހާރު ސަރުކާރުން ވަނީ އިންޑިއާއާއެކު އޮތް ގުޅުން ރަނގަޅުކޮށްފައެވެ.
ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ދެފަހަރަކު ރަސްމީކޮށް އިންޑިއާއަށް ޒިޔާރަތްކުރައްވާފައެވެ. މީގެތެރޭގައި ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް ކުރެއްވި ދަތުރުފުޅާއި، އިންޑިއާގެ ރައީސް ދްރުޕަތީ މުރްމޫގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ހިމެނެއެވެ. އޭގެފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ