ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 497 މިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފިއެވެ. ޤައުމީ ބޭންކުގެ މާލީ ބަޔާނުގައިވާ ގޮތުން މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އިންޓަރެސްޓްގެ ގޮތުގައި 752.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފީ އާއި ކޮމިޝަންގެ ގޮތުގައި 508.2 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، ޕްރޮވިޝަންއަށް 17.1 މިލިއަން ރުފިޔާ އަދި އިންކަމް ޓެކްސްއަށް 183.8 މިލިއަން ރުފިޔާ އުނިކުރެވިފައިވެއެވެ.
ބީއެމްއެލްއިން ފާއިތުވި ކުއާޓަރުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 1.7 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 އިންސައްތައިގެ ކުރިއެރުމެކެވެ. މިގޮތުން ލޯނުގެ ގޮތުގައި ދޫކުރި އަދަދު 470 މިލިއަނަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ބޭންކުން ބުނިގޮތުގައި ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯވެސް ވަނީ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައެވެ.
މާލީ ބަޔާނާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ވޭތުވެދިޔަ އަހަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްފަހު، މި އަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް މި ދުވެލި ދެމެހެއްޓިގެން ދިޔުމަކީ ލިބިގެންދާ ވަރަށްބޮޑު އުފަލެއް" ކަމަށެވެ.
ބީއެމްއެލްއިން މިހާރު ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ޤާއިމްކޮށްފައެވެ. މިގޮތުން 20 އަތޮޅެއްގައި 39 ބްރާންޗާއި، 107 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އަދި 165 އޭޓީއެމް ޤާއިމްކުރެވިފައިވާކަން ފާހަގަކުރެވެއެވެ.