ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނާ ހިލާފަށް ވަކިކުރުމަކީ ދުސްތޫރީ ކުށެއް: ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނާ ހިލާފަށް ވަކިކުރުމަކީ ދުސްތޫރީ ކުށެއް: ހުސްނުއްސުއޫދު

Author
ހުސައިން
04 މެއި 2025 10:31
0

ގާނޫނާ ހިލާފަށް ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ދުސްތޫރީ ކުށެއް ކަމަށް އެ ކޯޓުގެ ކުރީގެ ޗީފް ޖަސްޓިސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިފަދައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގެ ތަފްސީލު މިހާތަނަށް ހާމަ ނުކުރި ނަމަވެސް، ޖޭއެސްސީން ވަނީ އެ ބޭފުޅުންނަށް ތުހުމަތުކޮށް އެހެން ދެ މައްސަލައެއް ވެސް ތަހުގީގުކުރަން ފަށާފައެވެ. އެއްމައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތެވެ.

މި މައްސަލައިގެ އަޑުއެހުންތައް ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ ތަހުގީގު ރިޕޯޓުގައިވާ ގޮތަށް އަޒްމިރާލްދާއާއި މަހާޒް ވަކިކުރުމަށެވެ.

މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ، ގާނޫނު އަސާސީ އާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ގައުމެއްގެ ރައީސަކު ކުރާނެ އެންމެ ބޮޑު ދުސްތޫރީ ކުށެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޖުޑީޝަރީއަށް ދިން ހަމަލާއެއްކަން ސިފަކުރައްވާ ސުއޫދު ވިދާޅުވީ އެ ހަމަލާގައި ބައިވެރިވި ހުރިހާ އެންމެން އަދާ ކުރި ދައުރު ރާއްޖޭގެ ޖުޑީޝަރީގެ ތާރީހުން ފޮހެވިގެން ނުދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ތިޔަ ދިން ހަމަލާގައި ބައިވެރިވި ބޭފުޅުން އަދާކުރެއްވި ދައުރު ދިވެހި ޖުޑީޝަރީގެ ތާރީހުން ފޮހެވިގެން ނުދާނެ" ސުއޫދު ވިދާޅުވިއެވެ.

ގާނޫނީ ދާއިރާއިން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާއި ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.