އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ނިންމުނު ފަޚުރުވެރި ނިންމުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރިޔަށްދާ ބައްދަލުވުމުގައި ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހިން އިސްކުރުންކަމަށާއި، ދިވެހިންނާއި ރާއްޖެއަށް ފައިދާވާކަންކަމުގައި ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރުންކަމަށެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމެވި ނިންމެވުމަކީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އަދި ރާއްޖޭގެ ތާރީޚުގައިވެސް އެޅުނު ފަޚުރުވެރި ނިންމުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައިކަން އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައީސް އެ ބިލު ތަސްދީޤުކުރެއްވިއެވެ.
މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުޢާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމެވެ.
ސަރުކާރުން ބައިނަލްއަޤްވާމީ އެކި މަޖްލިސްތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރަމެވެ. މީގެތެރޭގައި އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ގޮވައިލައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ