ފަލަސްތީނުގެ ބިންތަކުގައި އދ.އާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ދިވެހިރާއްޖެއިން މިއަދު ބަޔާން އިއްވައިފިއެވެ. މި ބަޔާން އިއްވީ ބަންޑާރަނައިބު އަޙްމަދު އުޝާމެވެ.
ބަންޑާރަނައިބު އުޝާމް އޭނާގެ ބަޔާނުގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެ ކަމަށެވެ. އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
އަންރުވާ ރޫޅާލުމަށްޓަކައި އިސްރާއީލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ބަންޑާރަނައިބު ކަންބޮޑުވުން ފާޅުކުރައްވައި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އިންސާނީ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަން އޭނާ ވިދާޅުވިއެވެ.
މި މައްސަލައަކީ، އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، އަންރުވާގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުންތަކެއް ނިންމާފައިވާތީ އުފެދިފައިވާ މައްސަލައެކެވެ.
ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށް ދިވެހިރާއްޖެއިން މިއަދުގެ އަޑުއެހުމުގައިވެސް ތަކުރާރުކޮށްފައިވެއެވެ. އަދި މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ބަންޑާރަނައިބު އުޝާމް އަރުވާފައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަޤްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ޤައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްކަން ފާހަގަކޮށްފައިވެއެވެ. އަދި އިސްރާއީލާއި އަންރުވާއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓަރސް އިން އިސްރާއީލު ނިކުތުމުގެ ޤާނޫނީ ނަތީޖާތަކަށްވެސް އަލިއަޅުވާލާފައިވެއެވެ.
ދިވެހިރާއްޖެއިން މި ފުރުޞަތުގެ ބޭނުންހިފާ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ