ފުރާޅުމައްޗަށް ވެއްޓުނު އަންހެން ކުއްޖާގެ ސީސީޓީވީ ފޫޓޭޖް އާންމުކުރުމުން އެޗްއާރުސީއެމްގެ ކަންބޮޑުވުން!

ފުރާޅުމައްޗަށް ވެއްޓުނު އަންހެން ކުއްޖާގެ ސީސީޓީވީ ފޫޓޭޖް އާންމުކުރުމުން އެޗްއާރުސީއެމްގެ ކަންބޮޑުވުން!

Author
ހުސައިން
24 އޭޕްރިލް 2025 05:17
0

ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރާއި ސީސީޓީވީ ފޫޓޭޖްތައް ފުލުހުން އާންމުކުރުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ގ.ރަނައުރާގެއާގެ ހައްވާ ޔުމްނާ ރަޝީދު ފުރާޅުމައްޗަށް ވެއްޓުނު ހާދިސާ އެ ކޮމިޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި މައްސަލައިގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ، އަދި މީގައި ޝާމިލުވާ ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާތީ، އެޗްއާރުސީއެމްގެ ތަޙުޤީޤުގައި މިކަންކަމަށް ރިޢާޔަތް ކުރާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އާއިލާގެ ފަރާތުން އިތުރު މަޢުލޫމާތު ހޯދުމަށް އެ ކޮމިޝަނުން މަސައްކަތްކުރިކަން ފާހަގަކުރަމުން، ބަޔާނުގައި ބުނެފައިވަނީ އާއިލާގެ ބަހެއް މިއަދު ލިބިފައިވާއިރު، އެ އާއިލާއިން ވަނީ ފުލުހުންގެ އިހުމާލުތައް ކުށްވެރިކޮށްފައިކަމަށެވެ.

ހަމައެއާއެކު، މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނާ އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖު އެކަނި ދައްކާފައިވާތީ އެޗްއާރުސީއެމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. "މީގެ ސަބަބުން އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރި ކަމެއް" ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވާތީ އާއި އެ މަޢުލޫމާތު ހާމަކުރުމުގެ ސަބަބުން އަނިޔާވެފައިވާ ފަރާތް އިތުރަށް ވިކްޓިމައިޒްވެގެން ގޮސްފައިވާތީވެސް އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ކުޑަކުދިންނަށް ކުރިމަތިވަމުންދާ އެކި ބާވަތުގެ އަނިޔާތަކާއި ގޯނާތައް އިތުރުވަމުން ދިއުމާ ގުޅިގެން ކޮމިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ޖިސްމާނީ އަނިޔާ ކުރުމާއި، އިހުމާލުވުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޛު ނުކުރެވޭކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ މައްސަލަތައް ތަޙުޤީޤުކޮށް، ކުށްވެރިންނަށް އަދަބު ދިނުމުގައި ލަސްތަކެއް ހުރިކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެ ވަށާޖެހޭ ފުރިހަމަ އަދި ނަޒާހަތްތެރި ތަޙުޤީޤެއް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް މި ކޮމިޝަނުން ގޮވާލަން. އަދި ފުލުހުންގެ ތަޙުޤީޤު ކުރިއަށްދާ ގޮތް މި ކޮމިޝަނުން މޮނިޓަރ ކުރަމުންދާނެކަން އަދިވެސް އެއްފަހަރު އާންމުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން" ކަމަށް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އަނިޔާވި ފަރާތުގެ އާއިލާގެ ޤަދަރާއި ކަރާމާތަށް އިހުތިރާމްކޮށް، އެފަރާތުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ނުފެތުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.