ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިޢުލާންކުރި ގޮތުގައި، ބޭންކުގެ ވޮލެޓުން ރާއްޖޭން ބޭރަށް ކުރެވޭ ފައިސާ ޓްރާންސްފާގެ ލިމިޓް 3000 ޑޮލަރުން 5000 ޑޮލަރަށް އިތުރުކޮށްފިއެވެ. މިއީ ކުރިން އޮތް ދުވާލަކު ޓްރާންސްފާ ކުރެވޭ ލިމިޓަށް 2000 ޑޮލަރު އިތުރުކޮށް ގެނެވުނު ބަދަލެކެވެ.
ބީއެމްއެލްއިން ދިން މަޢުލޫމާތުގައިވާ ގޮތުން، މި ބަދަލަކީ ބޭންކުގެ ވޮލެޓުން ސީދާ އެހެން ވޮލެޓްތަކަށް ކުރެވޭ ބައިނަލްއަޤްވާމީ ޓްރާންސްފާތަކަށް އައި ބަދަލެއް ކަމަށާއި، މިއީ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ)އާ ގުޅުންހުރި ބަދަލެއް ނޫނެވެ. އެހެންކަމުން، ބޭންކުގެ ކަސްޓަމަރުންނަށް ޓީޓީ ހެދުމަށް އެއްވެސް ހުރަހެއް ނެތްކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.
ބޭންކުގެ ފަރާތުން މި ބަދަލު ގެނެސްފައިވަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ. މީގެ އިތުރުން، ބީއެމްއެލްއިން މިއަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިތުރު ގިނަ ޚިދުމަތްތަކެއް ފަސޭހަކޮށްދީފައިވެއެވެ.
އޭގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުމާއި، ބޭންކުން ދޫކުރާ ހުރިހާ ލޯނާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ. އަދި ރާއްޖޭން ބޭރުން އަންނަ ފައިސާގެ ތެރެއިން 10،000 ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވެރިފިކޭޝަން ނިންމުމަށްފަހު ވަގުތުން އެކައުންޓަށް ޖަމާކޮށްދިނުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ.