ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ތުހުމަތުކުރެވުނު ހަތް މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި، ފުލުހުން ވަނީ ޖަނަވަރީ 31، 2024 ވަނަ ދުވަހުގެ ހެނދުނު 07:42 ހާއިރު ހިނގި ހާދިސާއަކާ ގުޅިގެން ހަތް މީހުން ހައްޔަރުކޮށް، އޮގަސްޓު 18، 2024 ގައި ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. މައްސަލަ ހުށަހެޅުމާއެކު، ޕީޖީ އޮފީހުން އޮގަސްޓު 22، 2024 ގައި ހައްޔަރުކުރެވުނު ހަތް މީހުންގެ މައްޗަށް "ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނު" ކަމުގެ ދައުވާ ކޯޓަށް ހުށަހެޅިއެވެ.
ހާދިސާގައި ހައްޔަރުކުރެވުނު މީހުންނަކީ ޝަމާލް ހުސައިން (ތ. ގާދިއްފުށި)، ޒަޔާން ނަސީރު (އދ. މާމިނގިލި)، އަބާން އަބްދުލްހައްނާން (ތ. ދިޔަމިގިލި)، ރަޖުވާން ލަތީފު (ލ. މާމެންދޫ)، މިދުހަތު އާދަމް (ރ. އަލިފުށި)، މުހައްމަދު ޖަޒްލާން (ލ. ގަން) އަދި އަހުމަދު މައިސާން ހާޝިމް (ކ. މާލެ) އެވެ.
ނަމަވެސް، ޝަރީއަތުން މައްސަލަ ނިންމި ގޮތުގައި، ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖުތަކުގައިވާ ގަޑިތަކާއި ހާދިސާ ހިނގި ކަމަށް ބުނާ ގަޑިއާ ދިމާނުވާކަން ފާހަގަކުރެވުނެވެ. ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، ފުޓޭޖްތަކުގެ ގަޑިތަކުގައި ފަރަގު ހުރުމުގެ ސަބަބު ދައުލަތުން ސާފުކޮށްދީފައި ނުވާކަމަށާއި، މިއީ މައްސަލައިގެ އެންމެ މުހިންމު ހެއްކާމެދު ޝައްކު އުފެދޭ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
"ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުރި މީހަކަށް ހަމަލާދީ އޭނާ މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ތަހުގީގު މަރުހަލާ އަދި ޕްރޮސިކިއުޝަން މަރުހަލާގައި އައިޑެންޓިފައިވެ އެ ކަމަށް އެޑްރެސްނުކުރުމަކީ މި ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅަންޖެހުނު މައިގަނޑު ސަބަބު" ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ހާދިސާގައި ޝަމީމަށް ދިން ހަމަލާގައި އޭނާގެ ވާއަތުގައި ރެނދުލާފައިވުމުން ވަނީ ފަރުވާދީފައެވެ. މީގެ އިތުރުން، މި ހަމަލާއަށް ފަހު ސިފައިން ވަނީ ޝަމީމުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވެއެވެ.


