އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އިހުމާލުވެފައިވާތީ، ޓެރަރިސްޓު ހަމަލާތައް ދިނުމަށް މަގުފަހިވި: ޢައްސާން

އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އިހުމާލުވެފައިވާތީ، ޓެރަރިސްޓު ހަމަލާތައް ދިނުމަށް މަގުފަހިވި: ޢައްސާން

ގުޅުންހުރި

ދިވެހިރާއްޖޭގައި ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި އިހުމާލުވެފައިވާތީ، ނިރުބަވެރި (ޓެރަރިސްޓު) ހަމަލާތައް ދިނުމަށް މަގުފަހިވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން، ޑިފެންސް މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ސީދާ އަސަރުކުރާ ފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ގައުމުގެ އިސްވެރިންނަށް ދެވިފައިވަނީ ކުރީގެ ސަރުކާރުތަކުން އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމުގެ ބަދަލުގައި އެހެން ކަންކަން އިސްކޮށްފައިވާތީކަމަށެވެ.

މިނިސްޓަރު ގައްސާން އިތުރަށް ފާހަގަކުރެއްވީ، ރައީސް މުހައްމަދު މުއިއްޒުގެ އާ ސަރުކާރުން މި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައިވެސް އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތާރީޚުގައި ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގައި އެއާ ކޯއެއް އުފައްދައި، ޑްރޯން ގެނައުމާއި އެމްއެންޑީއެފްގެ މެރިން ކޯއަށް އަސްކަރީ ވެހިކަލްތައް ގެނައުން ހިމެނޭކަމަށް ޑިފެންސް މިނިސްޓަރު ގައްސާން ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު އާޚިރުގައި ވިދާޅުވީ އަސްކަރީ ގޮތުން ގާބިލުކަން އިތުރުކުރުމަކީ މިނިވަން މުސްތަގިއްލު ކޮންމެ ގައުމަކުން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އުފެދެނީ ގައުމުގެ މިނިވަންކަން ހިމާޔަތްވެ އަމާން މުޖުތަމައުއެއް ބިނާވެފައި އޮންނަ ތަންތަނުގައި ކަމަށެވެ. މީގެއިތުރުން، ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ފާއިތުވި 15 އަހަރު ތެރޭގައި އިޖާބަ ނުދީ އިހުމާލުވެފައި ހުރި ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްކަމަށްވެސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ